ސިޔާސީ ޕާޓީތަކުގައި އިނގިލީގެ ނިޝާން ވެރިފައި ނުކުރާ މެންބަރުން އިނގިލީގެ ނިޝާން ވެރިފައި ކުރަން އެންގުމުން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގައި އިނގިލީގެ ނިޝާން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގާފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ މީގެ ކުރިން މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އަލުން ފިންގާ ޕްރިންޓް ވެރިފައި ކުރަން އެންގުމަކީ ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމެއް ކަމަށެވެ.

"ފަހުން ގެނެވޭ އިސްލާހަކުން ކުރިން ނިންމިފައިވާ ކަންތައްތައް އަލުން ރުޖޫއަ ކުރާކަށް ނޭންގޭނެ، މިސާލަކަށް ކައިވެންޏާ ބެހޭ ގަވާއިދުގައި މާލޭގައި މިހާރު އަމަލު ކުރެވޭ އުސޫލެއް އެއީ ހޭލުންތެރި ކުރުވުމުގެ ކޯހެއް، ދެން ކުރިން ކައިވެނި ކޮށްފައި ތިބި ފަރާތްތަކުގެ ކައިވެނި ބާތިލުވެ އަލުން ކޯސް ހަދަން ޖެހުން ކަހަލަ ކަމެއް އެއީ"އަލީ ޒާހިރު

ބައެއް ސިޔާސީ ޕާޓީތަކަކަށް މަންފާ ލިބޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި އަލީ ޒާހިރު ވިދާޅުވީ ޕީޕީއެމް އަދި އެމްޑީއޭގައި ފިންގާ ޕްރިންޓް ޖަހަން ޖެހޭ ފޯމެއް ނެތުމަކީ ކުރިން އުފެދުނު ޕާޓީތަކުން ފިންގާ ޕްރިންޓް ވެރިފައި ކުރަން ޖެއްސުމާއި މެމްބާޝިޕް ނިގުޅައިގަތުމަކީ ބޭއިންސާފުން ކުރެވޭ ކަމެއް ކަަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޕީޕީއެމް އާއި އެމްޑީއޭ އިން އިނގިލީގެ ނިޝާން ވެރިފައިކުރަން ޖެހޭ ފޯމެއް ނެތް ކަމަށާއި އެހެން އެކަން ވެފައި ވަނީ އެ ޕާޓީތަކަކީ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ އެ ގާނޫނު ފާސްވުމަށް ފަހު އުފެދުނު ޕާޓީތަކަކަށް ވުމުން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީގެ ވުޖޫދުގައި އޮތުމަށް ޓަކައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން މެންބަރުން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ޓަކައި ހުރިހާ މެންބަރުން އެއްބާރުލުން ދެއްވުމަށް އަދާލަތު ޕާޓީން ވަނީ އެދިފަ އެވެ.

އިނގިލީގެ ނިޝާނާއި ނުލައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތައް މި އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް، އިނގިލީގެ ނިޝާން ޖަހައި އަލުން ހުށަހަޅަން ޖެހޭ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމައި އަންގައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހު އެނގެން އޮންނަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރު އެވެ.