04 Sep 2015, 18:28
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިންނަވާ މަހުފޫޒު ސައީދަށް ތޫނު އެއްޗަކުން ހަމަލާ ދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހަވީރު 05:20 އެހާކަންހާއިރު ކަމަށެވެ. އަދި ފުލުހުން ބުނީ މަހުފޫޒަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ މަހުފޫޒުގެ ގަޔަށް ވަޅިހަރައިގެން މިއަދު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އޭނާ އަށް މިހާރު ދަނީ އިމާޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒީނަތު ވިދާޅުވީ މަހުފޫޒަށް ހަމަލާދީފައި ވަނީ ބޮލުގެ ފުއްކިބަޔާ ދިމާލުން ކަމަށާއި ބޮޑު ޒަހަމެއް ހުރި ކަމަށެވެ. އަދި ވިދާޅުވީ މިހާރު އޮޕަރޭޝަން ތިޔޭޓަރަށް ވެއްދުމަށް ފަހު ސާޖަރީއެއް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ޒީނާތު ވިދާޅުވީ މަހުފޫޒު ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭ ހުރި ކަމަށާއި އޭނާ މެޑިކަލީ ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.