06 Sep 2015, 15:55
އެފްއޭއެމްގެ އާ ގަވައިދުގެ ދަށުން ބާއްވަންޖެހޭ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެނދިއުމަށް އެކުލަވައިލަން ޖެހޭ އިލެކްޓޯރަލް ކޮމިޓީއަށް މެންބަރުން އައްޔަންކޮށް ކޮމިޓީ އެކުލަވައިލައިފިއެވެ.
މިކޮމިޓީ، އިންތިޚާބުގެ ކަންކަން ހަވާލުކުރުމަށް އިއްޔެ ބޭއްވި ކޮންގްރެސްއިން ވަނީ ފާސްކޮށްފައެވެ.
މިކޮމިޓީގެ މެންބަރުގެ ގޮތުގައި އައްޔަންކޮށްފައިވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ޙަސަން ސަޢީދު ޙުސައިންއާއި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒު އާއި ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދުއެވެ. މިކޮމިޓީ ޗެއާ ކުރައްވަނީ ޙަސަން ސަޢީދުއެވެ.
މީގެ އިތުރުން އިންތިޚާބާ ބެހޭ ކަންކަމުގައި ޝަކުވާ ހުށަހެޅުމަށް އިލެކްޓޯރަލް އެޕީލް ކޮމިޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ. އެކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ ކަސްޓަމްސްގެ ޑެޕިއުޓީ އޮފް ސުޕްރިންޓެންޑެންޓް ޢަބްދުﷲ އަލީއާއި ރައީސް އޮފީހުގެ ޑިރެކްޓަރު މުޙައްމަދު ލުވެއިޒްއާއި ގާނޫނީ ވަކީލް ޢައިޝަތު ހައިފާ ރަހީމެވެ. މިކޮމިޓީ ޗެއާ ކުރައްވަނީ ޢަބްދުﷲ ޢަލީއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ އިންތިހާބު ބާއްވާނެ ތަރީހެއް މިހަފުތާގައި އިއުލާން ކުރައްވާނެ ކަމަށެވެ.
ކުރިން ހަތް މެންބަރުން އިންތިޚާބު ކުރަމުން ދިޔަ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ހަތް މެންބަރުންގެ ބަދަލުގައި އާ ގަވައިދުގެ ދަށުން އިންތިޚާބު ކުރަން ހަމަޖެހިފައިވަނީ ނުވަ މެންބަރުންނެވެ.