06 Sep 2015, 22:11
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް އިއުލާންކޮށްފިއެވެ.
އެފްއޭއެމްގެ އިންތިޚާބު އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަނީ އިއްޔެ ބޭއްވި އެ އިދާރާގެ އެކްސްޓާ އޯޑިނަރީ ކޮންގްރެސްގައި ފާސް ކުރި އާ ގަވާއިދުގެ ދަށުންނެވެ.
އެގްޒެކެޓިވް ކޮމިޓީގެ މަގާމުތަކަށް ކުރިމަތި ލައްވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިން އެމަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެފްއޭއެމްއަށް ފޮނުވަންޖެހޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެފްއޭއެމްއިން މިހާރު ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ތިން މެންބަރުންގެ އިލެކްޓޯރަލް ކޮމީޓީއެއްވެސް އައްޔަންކޮށްފައެވެ.
މީގެ އިތުން އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ތިން މެންބަރުންގެ އިލެކްޓޯރަލް އެޕީލް ކޮމިޓީއެއްވެސް ވަނީ އުފައްދާފައެވެ.
އެފްއޭއެމްގެ އާ ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމެޓީގެ ނުވަ މަގާމަކަށް މެންބަރުން ވަނީ އިންތިޚާބު ކުރަން ހަމަޖެހިފައެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުން އިންތިޚާބު ކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން 44 ކްލބަކުން ވޯޓުދީގެންނެވެ.
އާ ގަވާއިދު ފާސްކުރުމުގެ ކުރިން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބު ކުރަނީ ހަ މެމްބަރުންނެވެ.