އޮޑިޓް އޮފީހަށް ފަންނީ ލަފާ ހޯދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހާއި ދި އިންސްޓިޓިއު އޮފް ޗާޓާޑް އެކައުންޓްންޓްސް އޮފް ސްރީލަންކާ (ސީއޭ ސްރީލަންކާ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮޑިޓް އޮފީހުގެ ފަރާތުން އެއެއްބަސްވުމުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރެއްވިއިރު ސީއޭ ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ ސީއޭ ސްރީލަންކާގެ ރައީސް އަރްޖުނަ ހެރަތެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެ އެއްބަސްވުމަކީ އެ އޮފީހުން އޮޑިޓް ދާއިރާ ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގިރާކުރެވުނު ހަރުފަތެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ދިވެހި އޮޑިޓަރުންނާއި އެކައުންޓެންޓުންނަށް ފުރުސަތު ތަނަވަސްކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ބުނީ އެ އެއްބަސްވުމުގެ ދަށުން ސީއޭ ސްރީލަންކާއިން ރާއްޖޭގެ އޮޑިޓް ދާއިރާއަށް ބޭނުންވާ ފަންނާއި ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޕްރޮޕެޝަނަލް އެކައުންޓެންސީ އިންސްޓިޓިއުޓެއް އުފެއްދުމުގައި ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އޮޑިޓަރުންނަށް ތަފާތު ތަމްރީނު ޕްރޮގުރާމްތައް ހިންގޭނެ ކަމަށްވެސް އޮޑިޓް އޮފީހުން ބުނެއެވެ.