08 Sep 2015, 15:05
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމާ ސަރުކާރުގެ ފަރާތުން ބައްދަލުކުރެއްވުމަށް ބަންޑާނަ ނައިބް ހަމަޖައްސަވައިފި އެވެ.
ރައީސް ނަޝީދުގެ ވަކީލް އަމާލް ކްލޫނީ އިއްޔެ ރާއްޖެ ވަޑައިގެންފައިވާއިރު ޖެރެޑް ގެންސާ މިއަދު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެޓީމުން ވަނީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަން އެދިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމާ ސަރުކާރުގެ ފަރާތުން ބައްދަލު ކުރައްވާނީ ބަންޑާރަ ނައިބް މުހައްމަދު އަނިލް ކަމަށެވެ.
ރައީސް ނަޝީދުގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމު ރާއްޖެ އައިސް ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަދީބާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭގެ އިތުރުން އެޓާނީ ޖެނެރެލް މުހައްމަދު އަނިލް އާއި ފޮރިން މިނިސްޓަރު ދުންޔާ މަޢުމޫނާއި ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރެލު މުހުތާޒު މުހުސިނާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެދިފަ އެވެ.
ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމު އެނބުރި ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ވެސް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ. އެ މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާކޮށް އަދި ހުކުމް އިއްވާފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.