ތޭރަ އަހަރުގެ ޖަލު ހުމެއް ތަންފީޒު ކުރަމުން ދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ޖަލަށް ބަދަލުކުރި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ވެސް ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:35 އެހާކަންހާއިރު ރައީސް ނަޝީދު މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުމަށް ގާޒީންގެ މަޖިލީހުން ވެސް ތާއީދުކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.

ހިސާން ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ދިރާސާކޮށް ބެލި އިރު ރައީސް ނަޝީދަކީ އެ ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަން އެނގެން އޮންނަ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އަދި ޖަލަށްލުމަށް ޝަރީއަތުން ހުކުމްކޮށްފައިވާ މީހެއްގެ ހުކުމް ތަންފީޒުކުރުމަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

ހިސާން އެ ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް ނަޝީދު ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ހުކުމުގެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރުމަށް ދާއިމީގޮތެއްގައި ގޭބަންދަށް ބަދަލުކޮށްފައިވާކަން ކަރެކްޝަނަލް ސާވިސް އިން ރައީސް ނަޝީދަށް ފޮނުވި ލިޔުކަމުން އެނގެން އޮންނާތީ ކަމަށް ބުނެ އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވަނީ އެފަދަ ލިޔުމެއް ފޮނުވާފައިނުވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.