08 Sep 2015, 22:42
މުޅި ރާއްޖެއަށް ބުރޯޑުކާސްޓު ކުރުމަށް ދައުލަތުގެ މީޑިއާ "ޕަބްލިކް ސާވިސް މީޑިއާ" (ޕީއެސްއެމް) އަށް ހަތް ޗެނަލެއް އުފެއްދުމަށް ބްރޯޑުކާސްޓިން ކޮމިޝަނުން ލައިސަންސް ދޫކޮށްފި އެވެ.
މިއަދު މެންދުރު، އެ ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ލައިސަންސްތައް ހަވާލުކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އެވެ. ޕީއެސްއެމްގެ ފަރާތުން ލައިސަންސްތަކާ ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލު އެވެ.
ޕީއެސްއެމް އިން ބުނީ އެކުންފުނިން އުފެއްދުމަށް ނިންމާފައި ވަނީ ފަސް ޓީވީ ޗެނަލާއި ދެ ރެޑިއޯ ޗެނަލު ކަމަށެވެ. އަދި އެ ޗެނަލުތަކަކީ މުޅިން ތަފާތު ދާއިރާތަކުގެ ޗެނަލުތައް ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ.
އަލަށް އުފައްދާ ޓީވީ ޗެނަލުތަކަކީ ޕީއެސްއެމް ނިއުސްގެ ނަމުގައި ޚަބަރަށް ޚާއްސަ ޓީވީ ޗެނަލަކާއި، ޒުވާނުންނާއި، މުނިފޫހިފިލުވުމާއި ކުޅިވަރަށް ޚާއްސަ ޗެނަލަކާއި، ތައުލީމީ ދާއިރާއަށް ޚާއްސަ ޗެނަލަކާއި، އިސްލާމް ދީނަށް ޚާއްސަ ދީނީ ޓީވީ ޗެނަލެއްގެ އިތުރުން، ރާއްޖެއާއި ބެހޭގޮތުން އިނގިރޭސި ބަހުން ގެނެސްދޭ އިންޓަނޭޝަނަލް ޗެނަލެކެވެ.
އަދި އަލަށް އުފައްދާ 2 ރޭޑިއޯ ޗެނަލަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އުފައްދާ ޗެނަލަކާއި، އިސްލާމް ދީނުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ޗެނަލެއް ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ.
ލައިސަންސް ދިނުމުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ޕީއެސްއެމް އިން ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އަދި އަލަށް އުފެއްދުމަށް ނިންމާފައިވާ ހަތް ޗެނަލްގެ ސަބަބުން އާންމުންނަށް އިތުރު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބޭނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ޕީއެސްއެމްގެ އެމްޑީ ހަލީލު ވިދާޅުވީ، އަލަށް އުފެދިގެންދާ ޗެނަލުތަކާއެކު މީޑިއާގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ފަންނީ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް އެ ޗެނަލުތަކުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.