09 Sep 2015, 12:19
ގައުމީ ހަ ވަނަ ފިލްމީ އެވޯޑުގެ އެކި ކެޓަގަރީތަކުގެ އެވޯޑުގެ ނަތީޖާތައް ރިވިއުކޮށް އެ ނަތީޖާތައް ކޮންފިޑެންޝަލްކޮށް ބެލެހެއްޓުމަށް ޓަކައި އެމްއެޗްޕީއޭ (ކުރީގެ މޮލޯކް އެންޑް ހޯސްބާގް ޕަބްލިކް އެކައުންޓެންޓްސް ޕްރައިވެޓް ލިމިޓެޑް) އާ ހަވާލުކޮށްފި އެވެ.
ނޭޝަނަލް ސެންޓާ ފޮ އާޓްސް (އެންސީއޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ގައުމީ ފިލްމް އެވޯޑުގެ ނަތީޖާތައް ރައްކާތެރިކޮށް ބެލުމަށް އެންސީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ކޯޑިނޭޓަރު އަބްދުﷲ މުއާޒެވެ. އަދި އެމްއެޗްޕީއޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މެނޭޖިން ޕާޓްނަރު ރިފާތު ޖަލީލެވެ.
ޓީވީއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއާޒު ވިދާޅުވީ މިއަދުގެ އެއްބަސްވުމާ އެކު އެވޯޑުގެ ނަތީޖާތައް އެވޯޑު ހަފްލާ އާ ހަމައަށް ބަލަހައްޓާނީ އެމްއެޗްޕީއޭ އިން ކަމަށެވެ.
އެވޯޑު ދިނުމުގައި ވަކި ބަޔަކަށް ވަކި ގޮތެއް ހަދާ ކަމަށް ބުނެ ގިނަ ބައެއްގެ މައްސަލަ ޖެއްސުންތައް ލިބެމުންދާ މައްސަލަ އަށް، އެމްއެޗްޕީއޭ އާ އެ މަސައްކަތް ހަވާލު ކުރުމުން އެއަށް ޖަވާބެއް ލިބިގެން ދާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ވޯޓުގެ ނަތީޖާ އެއްވެސް ބަޔަކަށް ނުފެންނަ ގޮތަށް ރައްކާތެރި ގޮތުގައި ބަލަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ގައުމީ ފިލްމް އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެގޮތުން މި އަހަރުގެ ގައުމީ ފިލްމް އެވޯޑުގެ އެކި ކެޓަގަރީތަކުން ޖުމްލަ 18 ފިލްމެއް ވަނީ ނޯމިނޭޓު ވެފަ އެވެ.