09 Sep 2015, 16:25
ނިއު ދިއްލީ، 9 ސެޕްޓެމްބަރ 2015: ހިފެހެއްޓުމެއް ނެތި އެންޓިބަޔޮޓިކްސް އާއި އެހެނިހެން ބޭސްތައް ބޭނުންކުރުމުން ރެސިސްޓަންސް އުފެދި، އިންފެކްޝަންތައް ފަސޭހަނުވެ ގިނަދުވަސްވުމާއި ފަރުވާތައް ފޭލުވާން މެދުވެރިވާކަން ހަނދާންކޮށްދެމުން، މިކަމުގެ ސަބަބުން އާއްމުންގެ ސިއްހަތަށް އޮތް ބިރު ފުހެލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެމްބަރު ގައުމުތަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ގޮވާލައިފި އެވެ.
"އެންޓިބަޔޮޓިކްސް ބޭނުންކުރަން ފެށުމުގެ ކުރިން ދުނިޔެ އޮތް ހާލަތަށް ރުޖޫއަވިޔަ ނުދިނުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. މިކަން ނުހުއްޓުވައިފި ނަމަ ގައިންގަޔަށްއަރާ ބަލިތައް ކޮންޓްރޯލްކުރުމާއި ބަލިތައް ދުރާލާ ހުއްޓުވުމުގައި ލިބިފައިވާ ހުރިހާ ކާމިޔާބީއެއް ގެއްލޭނެ. ފަރުވާތައްހޯދިފައިވާ އާއްމު އިންފެކްޝަންތަކާއި ކުދި އަނިޔާތަކުގެ ސަބަބުން ކުރިއަށް އޮތް ތާނގައި މިލިއަންނުން މީހުން މަރުވުން އެކަށީގެންވޭ. އެންޓިބަޔޮޓިކްސް އަށް ރެސިސްޓަންސް އާއްމުވެއްޖެ ނަމަ އުނދަގޫ ސާޖަރީތަކާއި ކެންސަރު ފަދަ އެހެނިހެން ކްރޮނިކް ބަލިތައް ބެލެހެއްޓުމަކީ އުނދަގޫ ކަމަކަށް ވުން އެކަށީގެންވޭ،" ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ޑޮކްޓަރު ޕޫނަމް ކެޓްރަޕާލް ސިންގް، ޓީމޯ ލެސްޓްގެ ވެރިރަށް ޑިލީގައި ކުރިއަށްދާ ސަރަހައްދީ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ހޮސްޕިޓަލް ވެންޓިލޭޓަރުތަކާ ގުޅުން ހުރި ނިއުމޯނިޔާ، ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން، ޑަޔަރިޔާ، ގޮނޮރިޔާ، ޓިއުބާ ކުލޯސިސް، މެލޭރިޔާ، އަދި އެފަދަ އެހެނިހެން އާއްމު އިންފެކްޝަންތަކަށް ބާރު ގަދަ އެންޓި މައިކްރޯބިއަލް ބޭސްތަކާ ނުލާ ފަރުވާކުރަން އަންނަނީ އުނދަގޫވަމުންނެވެ. ދުވަހުން ދުވަހަށް ގޯސްވަމުން އަންނަ އެ މައްސަލައަށް ވަގުތުން ފިޔަވަޅުތަކެއް ނާޅައިފި ނަމަ އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ޑޮކްޓަރު ކެޓްރަޕާލް ސިންގް ވިދާޅުވި އެވެ.
ދާދި ފަހުން ހަދާފައިވާ ފޯކާސްޓްއެއް ދައްކާގޮތުން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ 2050 ވަނަ އަހަރު އަންނަންވާއިރަށް އެ މައްސަލާގައި ދުނިޔޭގައި 10 މިލިއަން މީހުން މަރުވާނޭ ކަމަށް ވެސް ޑަބްލިޔުއެޗުއޯ އިން ބުންޏެވެ. އަދި އެ މައްސަލައިގެ އިގްތިސާދީ ގެއްލުމުގެ ގޮތުގައި ދުނިޔޭގެ ފުދުންތެރިކަން ދެ އާއި 3.5 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްވާނޭކަމަށް ވެސް ފޯކާސްޓުން ދައްކާ ކަމަށް ޑަބްލިޔުއެޗުއޯ އިން ބުންޏެވެ.
ޑަބްލިޔުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާގެ 68 ވަނަ ސަރަހައްދީ ބައްދަލުވުމުގައި މި ސަރަހައްދުގެ 11 މެމްބަރު ގައުމެއްގެ ސިއްހަތާ ބޭހޭ ވަޒީރުންނާއި ސިއްހަތާ ބެހޭ ވުޒާރާތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެންޓިމައިކްރޯބިއަލް ރެސިސްޓަންސް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ގައުމީގޮތުން އިސްކަންދޭންޖެހޭ ކަންކަމާއި އޭގެ ސަބަބުތައް ވިސްނުމުގައި ބަހައްޓައިގެން، ޑަބްލިޔުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ގެ ސަރަހައްދީ ސްޓްރެޓަޖީ ކަމުގައިވާ ޖައިޕޫރު ޑެކްލަރޭޝަން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް 2011 އާއި ދާދި ފަހުން އެކުލަވާލެވުނު ގްލޯބަލް އެކްޝަން ޕްލޭންގައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރަންޖެހެއެވެ.
ދުނިޔެއަށް އެންޓިބަޔޮޓިކް ރެސިސްޓަންސްގެ މައްސަލަ ކުރިމަތިވެފައި ވަނީ ހިފެހެއްޓުމެއް ނެތި އެންޓިބަޔޮޓިކްސް ލިޔެދިނުމާއި ލިޔެދީފައިވާ މުއްދަތަށް ބޭސް ބޭނުން ނުކުރުމާއި މަސް އައުލާކުރާ ފާމްތަކާއި ކެއުމަށް ބޮޑުކުރާ ޖަނަވާރުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން އެންޓިބަޔޮޓިކްސް ދިނުމާއި ސިއްހީ ހިދުމަތްތައްދޭ އިރު އިންފެކްޝަންތައް ފަސޭހަކުރުމުގައި ފަރުވާކުޑަކުރުމާއި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ކަމަށް ޑަބްލިޔުއެޗުއޯ އިން ބުންޏެވެ.
އެންޓިބަޔޮޓިކްސް އަކީ ވަރަށް ވެސް އަގުހުރި ވަސީލަތެކެވެ. އެންޓިބަޔޮޓިކްސްގެ ސަބަބުން ފާއިތުވެ ދިޔަތާންގައި އެތައް މިލިއަން ފުރާނަ ސަލާމަތްކުރެވިފައިވެ އެވެ. އެންޓިބަޔޮޓިކްސްގެ އަސަރު ދެމެހެއްޓުމަށް ހުރިހާއެންމެގެ ރޯލެއްވާކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ އެކަން ކާމިޔާބުކުރެވިދާނެ ކަމަށް ޑޮކްޓަރު ކެޓްރަޕާލް ސިންގް ވިދާޅުވި އެވެ.