09 Sep 2015, 16:53
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައި ހުންނެވި ރައީސް ނަޝީދުގެ މައްސަލަ ވަރަށް ސާފު ކަމަށާއި އެ މައްސަލަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ޖެންސާ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު މާލެ ވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ
މާފުށްޓަށް ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރައްވާނެ ކަމަށެވެ. އިންޓަވިއުއަށް ފަހު އޭނާ ވަނީ މާފުށްޓަށް ފުރާވަޑައިގެންފައެވެ. ޖެރެޑް ވިދާޅުވީ މިއީ ވަރަށް ދަތިވަގުތެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްސަލަ ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ޖެންސާ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މީޑިއާ މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
" ވީހާ ވެސް އަވަހަށް ރައީސް ނަޝީދު ދޫކޮށްލާ އޭނާގެ ސިޔާސީ މައްސޫލިއްޔަތުތައް އަދާ ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި، ސަރުކާރަށް ޕްރެޝަރު ދެވެން ހުރި ހުރިހާ ގޮތަކުން ދޭނަން،" ޖެރެޑް ވިދާޅުވިއެވެ.
މިދޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ވެސް ޖެރެޑް މާލެ ވަޑައިގެންނެވިއެވެ. އެހެންނަމަވެސް ވިސާ ނަގާފައިނުވާތީ އިމިގްރޭޝަނުން ވަނީ އޭނާ ފޮނުވާލާފައެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަމާލް ކުލޫނީ ވަނީ އިއްޔެ ހަވީރު މާފުށްޓަށް ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރައްވާފައެެވެ. އަދި އޭނާ ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާ ވެސް މިއަދު ބައްދަލުކުރައްވާފައެވެ.