އަންނަ އަހަރުން ފެށިގެން އާ ސެކިއުރިޓީތަކާއެކު އާ ޕާސްޕޯޓެއް ނެރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަން ކޮންޓުރޯލަރު މުހައްމަދު އަންވަރު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުން ފެށިގެން މުޅިން އާ ޕާސްޕޯޓެއް ނެރުމަށް ނިންމާފައިވާ ކަމަށެވެ. އަލަށް ނެރޭ ޕާސްޕޯޓަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ޕާސްޕޯޓެއް ކަމަށްވެސް ކޮންޓުރޯލަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލަށް ނެރޭ ޕާސްޕޯޓަކީ ޕޮލިކާ ޑާޓާ ޕޭޖެއް ހިމެނޭ މިހާތަނަށް ދުނިޔޭގަ ނެރެފައިހުރި ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ނެރޭ ޕާސްޕޯޓަކަށްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަލަށް މިއިޝޫ ކުރާ ޕާސްޕޯޓް ވާނެ މިރީޖަންގެ ގައުމުތަކުގައި އެންމެ ވަރުގަދަ އެންމެ ސެކިއުރިޓީ ފީޗާސް ހިމެނޭ އެންމެ ފަހުގެ ޕާސްޕޯޓްކަމުގައި،" ކޮންޓުރޯލަރު ވިދާޅުވި އެވެ.

އެ ޕާސްޕޯޓް ޕްރިންޓް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު އަންނަ ނޮވެމްބަރު މަހު ހިސާބުގައި ޕާސްޕޯޓް ދައްކާލެވޭނެ ކަމަށްވެސް ކޮންޓުރޯލަރު ވިދާޅުވިއެވެ.

މިހާރު ދިވެހިން ގެންގުޅޭ ޕާސްޕޯޓަކީ 10 އަހަރު ވަމުންދާ ޕާސްޕޯޓަކަށްވާއިރު ދެކުނު އޭޝިއާގެ އެންމެ 'ވަރުގަދަ' ޕާސްޕޯޓަކީ ދިވެހިރާއްޖޭގެ ޕާސްޕޯޓުކަމަށް ސީއެންއެން އިން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.