ކޭޓް މިޑްލްޓަން އާއި ޕްރިންސް ވިލިއަމް އަށް ތިންވަނަ ކުއްޖަކު ލިބެން އުޅޭ ކަމުގެ ހަބަރުތައް ފެތުރެން ފަށައިފި އެވެ. އެ ދެމަފިރިންގެ ދެވަނަ ދަރިފުޅު ޕްރިންސަސް ޗާލޮޓް އުފަންވީ މި އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު އެވެ.

ޕްރިންސަސް ޗާލޮޓް އުފަންވިތާ އެންމެ ހަތަރު މަސް ވީ ނަމަވެސް، ހަބަރު ފެތުރިފައިވާ ގޮތުގައި އެ ޝާހީ ދެމަފިރިން އިތުރު ކުއްޖަކު ހޯދުމަށް މާ ގިނަ ވަގުތެއް ބޭކާރެއް ނުކުރެ އެވެ.

"އޭނާ ހުރީ ތިންވަނަ ކުއްޖަކަށް ބަނޑުބޮޑުވެ،" ނަން ހާމަ ނުކުރުމަށް އެދި "ސްޓާރ މެގަޒިން" އާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކޭޓް އާއި ވިލިއަމް އަދި ހަގު ދަރި ޕްރިންސަން ޗާލޮޓް----

"ސްޓާރ މެގަޒިން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޭޓް ވަނީ އެހާ ބުރަކޮށް އުޅުން ހުއްޓާލާފަ އެވެ. އަދި ކުއީން އެލިޒެބެތު ވަނީ އޭނާގެ އެ ނިންމުމަށް ތާއީދު ކޮށްފަ އެވެ.

"ކުއީން އެލިޒެބެތު ވަނީ ކޭޓް ޝާހީ ޒިންމާތަކުން މަދު ވެގެން ދެ މަސް ދުވަހަށް ދުރު ވުމުގެ އިޒުނަ ދީފަ. އޭނާގެ ބަލި ހާލަތު ރަނގަޅުވަންދެން،" "ސްޓާރ މެގަޒިން" އަށް އިންޓަވިއު ދިން މީހާ ބުންޏެވެ. އެހެން ކަމުން މިއީ އެދެމަފިރިންގެ ދެ ރަހުމަތްތެރިއަކު މިދިޔަ އޯގަސްޓް މަހުގެ 15 ގައި، ކުރި ކައިވެންޏަށް ކޭޓް ނުދިއުމުގެ ސަބަބު ކަމުގައި އެ ނޫހުން ބުނެފައިވެ އެވެ. ޕްރިންސް ވިލިއަމް އެ ކައިވެންޏަށް ދިޔައީ ކޭޓް ގެ ކޮއްކޮ ޕިޕާ މިޑްލްޓަން އާއި އެކު އެވެ.

"ވިލިއަމް ނިންމީ އޭނާގެ ސިއްހަތަށް ގެއްލުން ވާ ފަދަ ކަމެއް ނުކުރަން. އެހެންވެ ކޭޓް ގޭގަ އަރާމުކޮށް ޖޯޖް އާ ޗާލޮޓް އާއެކު ވަގުތު ހޭދަ ކުރަން ބެހެއްޓީ."

ކޭޓް އާއި ވިލިއަމް އެދެމީހުންގެ ދޮށީ ދަރިފުޅު ޕްރިންސް ޖޯޖް އާއިއެކު ---

މި އަހަރުގެ ޖުލައިމަހު "ޓެލެގްރާފް" އަށް ދިން އިންޓަވިއުއެއްގައި ޕްރިންސް ވިލިއަމް ވަނީ އިތުރު ކުދިން ހޯދުމުގެ ޝައުގުވެރިކަން ހުރި ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. "މީ އަދި ހަމައެކަނި އަހަރުމެންގެ ދެވަނަ ދަރިފުޅު. ކުރިއަށް އޮތް މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގެ."

ޕްރިންސް ވިލިއަމް އަދި ކޭޓްގެ ދޮށީ ދަރިފުޅު ޕްރިންސް ޖޯޖް ގެ އުމުރުން މިހާރު ދެއަހަރެވެ.