10 Sep 2015, 13:08
ފިލްމީ ތަރި އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފީޗާ ފިލްމް "އަހުޝަމް"ގެ ޝޫޓިންގެ ތެރެއިން ސީޒަން އަށް އަނިޔާ ވެއްޖެ އެވެ.
އިއްޔެ މެންދުރު ސީޒަން އަށް އަަނިޔާވެފައި ދެ ބުރީގެ އިމާރާތަކުން ފުންމާލުމުގެ ތެރެއިންނެވެ. އޭނާއަށް އިއްޔެ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފަ އެވެ.
ސީޒަން މިއަދު "ސަން"އަށް ބުނީ ޓެސްޓްތައް ހެދުމަށްފަހު އޭނާއަށް މާބޮޑު ގެއްލުމެއްލިބިފައިނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި ނަމަވެސް ފަލަމަސްގަނޑަށް ތަދުވާތީ ދެ ދުވަހަކު ރެސްޓް ކުރުމަށް ޑޮކްޓަރު ލަފާ ދޭ ކަމަށެވެ.

ސީޒަންއަށް އަނިޔާވުމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާދެނީ-- ފޮޓޯ: އަހުޝަމް ފޭސްބުކް
"އެކްސްރޭ ހުރިހާ އެއްޗެއް ބަލާފައި އެއްވެސް ރެނދެއް ކަމެއް ނެތް ކަމަށް ބުނަނީ. ފަލަ މަސްގަނޑުގައި އެހުރިކަމެއް ހުރީ،" ސީޒަން ބުންޏެވެ.
އޭނާ ބުނީ އެ އަނިޔާގެ ސަބަބުން ޝޫޓިންއަށް ކޮންމެ ވެސް ވަރަކަށް ބުރޫއެރި ނަމަވެސް ކުރިއަށްއޮތް ހަތަރު ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާލެވޭނެ ކަމަށެވެ.
ސީޒަންގެ ހިޔާލެއްގެ މައްޗަށް މަހުދީ އިމާދާއި އަހްމަދު ޒަރީރު (ޒައްރަ) ލިޔެފައިވާ ސްކްރީން ޕްލޭއަކަށް އުފައްދާ މި ފިލްމަކީ މުޖުތަމައުގައި ހިނގާ އެކިއެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ތިނެސްކަން ލޯތްބާއި އާއިލީ ދިރިއުޅުމާއި ތަޅާފޮޅާ މަންޒަރުތައް ދައްކުވައިދޭ މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށް އެސް ޕްރޮޑަކްޝަނުން ބުންޏެވެ.

ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖައްސާފައިވާ މި ފިލްމްގެ މެއިން ކެރެކްޓާ "އަހުޝަމް" (ސީޒަން) ގެ އިތުރުން މަޝްހޫރު ތަރި އައިމިނަތު ރިސްފާ އާއި ޒީނަތުގެ އިތުރުން އާރިފާ އަދި ރޯނު ހަަސަން މަނިކު ވެސް ފިލްމްގެ މެއިން ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.
މި ފިލްމް އުފެއްދުމަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މިފިލްމްގެ ޕާޓްނަރުންގެ ތެރޭގައި މޯލްޑިވިއަން، ޑިޖިޓަލް ސްޓޫޑިއޯ، ކޮކާކޯލާ ކޮންޕެނީ، ޓޮމީ އިންޖީނިއަރިން އަދި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީގެ ހިމެނެ އެވެ.