10 Sep 2015, 13:39
އޮފީހަކަށް ނިކުންނަން އަންގާފައިވާ ވަނިކޮށް، އޮފީހަށް ނުނިކުމެ މުޒާހަރާއަކަށް ދިޔަ ކަމަށް ބުނެ ސްޓެލްކޯގެ ވަޒީފާ އިން ވަކިކުރި މީހަކަށް 56،520 ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓަރައިބިއުނަލުން އިއްޔެ ބުނީ، ސްޓެލްކޯގެ ސީނިއާ ޓެކްނީޝަނެއްގެ މަގާމުގައި ހުރި، ހ. އޮނުތޫރިގޭ އަހުމަދު ސަލީމް ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ފަދަ ހަމައެއް އޮވެގެން ނޫން ކަމަށާއި އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ "އެކަށީގެންވާ ސަބަބެއް ނެތި ... ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާފައި"ވާ ކަމަށެވެ.
އެ މައްސަލަ ބެލި ތިން މެމްބަރުގެ ކޮމެޓީ އިން ނިންމި ނިންމީ، ދެ ފަރާތުގެ މައްސަލަހަތު ގެއްލިފައި ވާތީ އޭނާ އަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް އަމުރު ކުރުމަކީ "އެންމެ އަދުލުވެރި ގޮތް ކަމަށް ނުފެންނާތީ" ބަދަލުގެ ގޮތުގައި 56،520 ރުފިޔާ އޭނާ އަށް ދިނުމަށް އަމުރު ކުރާ ކަމަށް ކަމަށް ވެސް ޓްރައިބިއުނަލުން ނެރުނު ބަޔާނުގައި ބުންޏެވެ. އަދި އެ ފައިސާ އިއްޔެ އިން ފެށިގެން 20 ދުވަހުގެ ތެރޭގައި ސަލީމަށް ދިނުމަށް ފަހު ފަސް ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް ސްޓެލްކޯގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ސަލީމް ވަޒީފާ އިން ވަކިކުރީ އޮފީހަށް ނިކުންނަން އަންގާފައި ވަނިކޮށް އޮފީހަށް ނުނިކުމެ މުޒާހަރާ އަކަށް ގޮސްފައި ވާތީ ކަމަށާއި އޭނާ ވަޒީފާގައި ބަހައްޓައިފި ނަމަ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެެއް ވެދާނެ ކަމަށް ބުނެ އެވެ. އަދި ޓްރައިބިއުނަލްގައި ސްޓެލްކޯ އިން ބުނެފައި ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ، ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ނޯޓިސް ވެސް ދިނުމަށް ފަހު ކަމަށާއި އަދި ނޯޓިސް މުއްދަތުގައި މުސާރަ އާއި ްިއިނާޔަތްތައް ވެސް ދިނުމަށް ފަހު ކަމަށެވެ.