މައްކާ (ސެޕްޓެމްބަރު 14) -- ކައުބަތުﷲގެ ގެފުޅުގެ ގޯތިތެރެއަށް ހުކުރު ދުވަހު ކްރޭން ވެއްޓި 100 އަށް ވުރެ ގިނަ މީހުން ނިޔާވި ހާދިސާގެ ރިޕޯޓް އާންމުކޮށް، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ސައުދީ ރަސްގެފާނު ވައުދުވެވަޑައިގެންފި އެވެ.

ހައްޖުގެ މާތް އަޅުކަން ފެއްޓޭން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ކްރޭން ވެއްޓުނީ ގަދަ ވިއްސާރަ އާއި ވައި ގަދަވުމުން ކަމަށް ސައުދީ އޮފިޝަލުން އަންނަނީ ތުހުތަމު ކުރައްވަމުންނެވެ. އެ ހާދިސާގައި 1400 އަށް ވުރެ ގިނަ އަހަރުވެފައިވާ ހަރަމްފުޅުގެ ބައެއް ތަންތަނަށް ވަނީ ގެއްލުންވެފަ އެވެ.

ކްރޭން ވެއްޓުނު ހާދިސާގައި 107 ހައްޖުވެރިޔަކު ނިޔާވުމުގެ އިތުރަށް 230 މީހަކު ވަނީ ޒަހަމުވެފަ އެވެ. ނިޔާވި ހައްޖުވެރިންގެ ތެރޭގައި އީރާން، ތުރުކީ، އަފްގާނިސްތާނު، މިސުރު، އިންޑިއާ، އަދި ޕާކިސްތާނު މީހުން ހިމެނެ އެވެ.

ކްރޭން ވެއްޓުނު ސަރަހައްދަށާއި ޒަހަމުވި މީހުން ތިބި ހޮސްޕިޓަލްތަކަށް، ރަސްގެފާނު ސަލްމާނު ވަނީ ހޮނިހިރު ދުވަހު ޒިޔާރަތްކުރައްވައިފަ އެވެ. އަދި އެ ޒިޔާރަތުގައި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުއަޅުއްވާނެ ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.

މިއީ އެތައް ބަޔަކު ހައްޖުގެ މާތްއަޅުކަން އަދާކުރުމަށް އަހަރަކު އެއްފަހަރު ޖަމާވާ ބިމުގައި، ފަހުގެ ތާރީހެއްގައި ހިނގި މިފަދަ އެންމެ ހިތާވެރި ހާދިސާ އެވެ. ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މިހާތަނަށް 900،000 މީހުން ވަނީ މައްކާ އަށް ގޮސްފަ އެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ އަދަދު ދެ މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ --

ކްރޭން ވެއްޓުނު ހާދިސާ ތަހުގީގު ކުރި ކޮމެޓީ އިން އެ ތަހުގީގު ނިންމައި، މައްކާގެ ގަވަރުނަރަށް ވަނީ ރިޕޯޓް ހުށަހަޅައިފަ އެވެ. އަދި ގަވަރުނަރު އެ ރިޕޯޓް ވަލީއަހުދަށާއި ރަސްގެފާނަށް އަރުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ހާދިސާ ހިނގި ސަބަބެއް ކަމަށް، ސިވިލް ޑިފެންސު އޮފިޝަލުން ތުހުމަތު ކުރައްވަނީ، މައްކާގެ މޫސުމާ އެވެ. އަދި އޭރު ވައި ހުރީ ގަޑިއަކު 25 މޭލުގެ ބާރުމިނުގައި ކަމަށެވެ.

އެފަދަ ހާދިސާތަކުން ސަލާމަތްވުމަށް، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ރަނގަޅު ފިޔަވަޅުނާޅާ ކަމަށް ބުނެ، ސައުދީ ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެންމެ ފަހުން އެފަދަ ހާދިސާއެއް ހިނގީ 2006 ވަނަ އަހަރު އެވެ. އެފަހަރު ބްރިޖެއްގެ ތެރޭގައި ފިތިގެން 346 މީހަކު ވަނީ މަރުވެފަ އެވެ.

ކްރޭން ވެއްޓުނު ހާދިސާއަކީ ހިނގީ، އެފަދަ ކަންކަމުން ރައްކާތެރިވުމަށް ހަރަމްފުޅު ބޮޑު ކުރުމަށް ފައްޓާފައިވާ މަޝްރޫއުއެއްގެ ތެރެއިންނެވެ.

މައުލޫމާތު: ވޯލްޑް ސްޓްރީޓް ޖާނަލް