15 Sep 2015, 14:39
ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1،000 ދުވަހުގެ މުހިއްމުކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ގައުމީ ނިއުޓްރީޝަން ކޮންފަރެންސްއެއް ފަށައިފި އެވެ.
"ނޭޝަނަލް ނިއުޓްރީޝަން ކޮންފަރެންސް 2015ގެ ނަމުގައި މިއަދު ޖެން ހޮޓެލްގައި ފެށި އެ ކޮންފަރެންސް އަކީ މިއަދާއި މާދަމާ ކުރިއަށް ދާނެ ކޮންފަރެންސް އެކެވެ.
ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދާ އެ ކޮންފަރެންސަކީ ދުޅަހެޔޮ ސިއްހަތެއްގައި ކުޑަދަރިފުޅު ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަމުގެ މައްޗަށް މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސް އެކެވެ.
މިއަދު ހޮޓެލް ޖެން ގައި ބޭއްވި "ނޭޝަނަލް ނިއުޓްރީޝަން ކޮންފަރެންސް 2015"ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ކޮންފަރެންސްގައި އެކި މުވައްސަސާތަކުން 63 ފަރާތަކު ބައިވެރިވެފައިވޭ-- ސަން ފޮޓޯ: އަލީ ނަސީރު
މިހާރު ކުރިއަށްދާ އެ ކޮންފަރެންސްގައި މައިމީހާގެ ދުޅަހެޔޮ ސިއްހަތާއި ސާފުތާހިރު ވެއްޓާއި ރާއްކާތެރި ބޯފެނުގެ މުހިއްމުކަމާއި ފައިދާ ހުރި ކާނާގެ މުހިއްމުކަމުގެ މައްޗަށް ވެސް ބައިވެރިން މަޝްވަރާ ކުރާނެ ކަމަށް ކޮންފަރެންސު އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ކުޑަކުދިންގެ ޖަމިއްޔާ އިން ގުޅިގެން ބާއްވާ ނިއުޓްރީޝަން ކޮންފަރެންސްގައި ކުޑަ ކުދިންނާއި ސިއްހަތާ ގުޅުންގުރި ގިނަ ޖަމިއްޔާތަކުން ބައިވެރިވެފައިވެ އެވެ.
ނިއުޓްރީޝަން ކޮންފަރެންގެ ތެރެއިން ނިއުޓްރީޝަން އާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށް ގިނަ ކެމްޕެއިން މެޓީރިއަލްތަކެއް ތައާރަފު ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އެކި މުވައްސަސާތަކާއި ބޮޑެތި ޖަމިއްޔާތަކުން ޖުމްލަ 63 ފަރާތެއް އެ ކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.
މިއަދު ހޮޓެލް ޖެން ގައި ބޭއްވި "ނޭޝަނަލް ނިއުޓްރީޝަން ކޮންފަރެންސް 2015"ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މެޓާނަލް އަދި ޗައިލްޑް ނިއުޓްރީޝަން ގައިޑެއް އެޑިއުކޭޝަން މިނިސްޓަރު ލޯންޗު ކޮށްދެއްވަނީ--- ސަން ފޮޓޯ: އަލީ ނަސީރު
މިއަދުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، މެޓާނަލް އަދި ޗައިލްޑް ނިއުޓްރީޝަން ގައިޑެއް ވަނީ ލޯންޗްކޮށްފަ އެވެ. އެ ގައިޑް ލޯންޗް ކޮށްދެއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.