މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލާން ތިލަފުށި ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރްޓަރ އިބްރާހިމް ރިޔާޒުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ރިޔާޒް ޖަލަށް ލާން މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން 21 މިލިއަން ޑޮލަރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑު މޯލްޑިވްސްއާ ހަވާލުކުރި މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން ރިޔާޒުގެ މައްޗަށް ކުރި ހުކުމްގައި ވަނީ ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑަށް އެވޯޑުކޮށްދީފައި ވަނީ ރިޔާޒު ކަމަށާއި އޭނާ އެ ނިންމުން ނިންމާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑުގެ ނިންމުމެއްގެ ދަށުން ކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ރިޔާޒުގެ އިއުތިރާފުން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް އޭނާ ހޯއްދަވައިދެއްވާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ރިޔާޒުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަން ސާބިތު ކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.

ރިޔާޒުގެ މައްޗަށް އެ ދައުވާ ސާބިތުނުވާކަމަށާއި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކުރާނެ އެއްވެސް ތަނެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ފަނޑިޔާރު އަބްދުއް ރައޫފު އިބްރާހީމް އިސްފަނޑިޔާރުކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ސުޖާއު އުސްމާނުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އެވެ.

އެ މައްސަލައިގައި ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ދެ ބޯޑު މެމްބަރުން ކަމުގައިވާ ގ. ރަންގިރީގޭ މުހައްމަދު ވާފިރު އާއި މއ. ރާހާ އަހްމަދު އަދުލީ ރަޝީދުގެ މައްޗަށް ދައުވާ ކުރިނަމަވެސް، އެ ދެ ބޭފުޅުންގެ މައްޗަށް އެ ދައުވާ ސާބިތުކުރެވޭވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެ ދެ ބޭފުޅުން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވިކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް މިދިއަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.