16 Sep 2015, 15:10
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޕާލަމެންޓްރީ ރިޕޯޓަރުގެ މަގާމުގައި ހުރި އިބްރާހީމް މުހައްމަދު ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފި އެވެ.
އިބްރާހީމް ވަޒީފާ އިން ވަކިކޮށްފައި ވަނީ ޕާލަމެންޓްރީ ސާވިސް ގަވާއިދުގެ ދަށުން ނޯޓިސް ފައިސާ އާއި ޗުއްޓީ ފައިސާ ދިނުމަށް ފަހު ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ޓްރައިބިއުނަލްގައި ބުނެފަ އެވެ.
އެހެންނަމަވެސް ހައިކޯޓުން މީގެކުރިން ނިންމާފައިވަ އެފަދަ މައްސަލަތަކުގައިވާ ފަދައިން މުވައްޒަފު ވަޒީފާ އިން ވަކިކުރުމުގެ ކުރިން ފުރިހަމަވާން ޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން އެ މައްސާލަގައި ގާއިމްކޮށްފައިނުވާ ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ކަނޑައަޅާފަ އެވެ.
އެހެންކަމުން އެންމެ ފަހުން އިބްރާހީމް އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ ނުވަތަ އެބާވަތުގެ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.
ވަޒީފާ އިން ވަކިކުރި އިރު ނޯޓިސްގެ ބަދަލުގައި އޭނާ އަށް ދީފައިވާ ފައިސާ އުނިކުރުމަށް ފަހު، ގާނޫނާ ޚިލާފަށް އޭނާ ވަޒީފާ އިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ހުރިހާ ކަމެއް އަލުން ހަމަޖެހޭ ދުވަހާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި އިބްރާހީމަށް ދިނުމަށް ވަނީ މަޖިލީހުގެ އިދާރާއަށް އަންގައިފަ އެވެ.
އަދި އެފައިސާ ދިނުމަށް ފަހު އެކަން ފަސް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މަޖިލީހުގެ އިދާރާއަށް ޓްރައިބިއުނަލުން ވަނީ އަންގައިފަ އެވެ.