ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޝަކްތާ ޑޮނެޓްސްކް ކޮޅަށް ހެޓްރިކެއް ހަދާފައިވާ ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ އެއްވަނަ ކަމަށާއި އެކަމާ އިތުރަށް ކުރާނެ ބަހުސެއް ނެތްކަމަށް ރެއާލްގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.

ބެނިޓޭޒް ބުނީ، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާތޯ ނުވަތަ ނޫންތޯ ބަހުސުކުރާނެ ޖާގައެއް ނެތްކަމަށާއި ފުޓްބޯޅައިގެ މައިދާނުގައި އޭނާގެ ޖާގަ އަތުލެވޭނެ އިތުރު ކުޅުންތެރިއަކު ނުހުންނާނޭ ކަމަށެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު އެސްޕަންޔޯލް ކޮޅަށް ފަސް ލަނޑު ކާމިޔާބުކޮށް ލަލީގާގެ ތާރީޚުގައި ރެއާލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު ގާއިމުކުރުމަށްފަހު، ޗެމްޕިއަންސް ލީގުގައި 4-0 އިން ރެއާލް މޮޅުވި މެޗުގައި ޖެހި ތިން ލަނޑާއެކު ރޮނާލްޑޯ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހި ލަނޑުގެ އަދަދު އަށަކަށް ހަމަކޮށްފައެވެ.

ބެނިޓޭޒް ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި މިވަގުތު ރޮނާލްޑޯއާ ފައިހަމަކޮށްލެވޭ ވަރުގެ އެއްވެސް ކުޅުންތެރިއަކު ހުރިކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް ހައިރާންވޭ ރޮނާލްޑޯއޭ ކިޔައިގެން މީހުން ދައްކާ ވާހަކައަށް އެހާބޮޑު އަހަންމިއްޔަތެއް ލިބޭއިރު، އޭނާ ދަނޑުމަތީގައި ދައްކާ ކުޅުން މީހުންނަށް ނުފެންނާތީ،" ބެނިޓޭޒް ބުންޏެވެ.

ރެއާލުން އެޓީމުގެ އަސްލު ކުޅުން ރޭގެ މެޗުގައި ނުދެއްކުނު ނަމަވެސް ޝަކްތާއާ ދެކޮޅަށް އުފެއްދި ފުރުސަތުތަކާ މެދު ބެނިޓޭޒް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"އެއީ އުނދަގޫ މެޗެއް. އެއީ ރަނގަޅަށް ޕޮޒެޝަން ހިފަހައްޓާ ޓީމެއް. އެމީހުން ކުޅުން ބަދަލުކޮށް މޫވްކުރިލެއް ރަނގަޅުކަމުން މެޗުގެ ކޮންޓްރޯލް ހޯދަން އުނދަގޫވި،" ޝަކްތާގެ ކޯޗު މިރްޝާ ލުޝެސްކޫގެ ރޭވުންތެރިކަމަށް ތައުރީފްކުރަމުން ލިވަޕޫލްގެ ކުރީގެ ކޯޗް ބުންޏެވެ.

ބެނިޓޭޒް ބުނީ، އެހުރިހާ ކަމަކާއެކު އަދި އެންމެ ރަނގަޅަށް ނުކުޅެވުނު ނަމަވެސް އޭނާގެ ޓީމުން މެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ.