ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ހޫގޯ ސްވަޔާއާއި ދެބޭފުޅުންގެ ބައްދަލުވުމެއްގައި ދިވެހި ސަރުކާރުގެ ގާނޫނީ މަންދޫބު ބައިވެރިވުމުގެ ފުރުސަތު އިނގިރޭސި ސަރުކާރުން ނުދިން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. ކުރިން ހަމަޖެހިފައި އޮތް އެ ބައްދަލުވުމުގައި ސަރުކާރަށް ގާނޫނީ ލަފާދޭ ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސަރުކާރުން އަދި ވެސް ދެކޭ ކަމަށެވެ.

"...ކުރީގެ ރައީސް ނަޝީދުގެ މައްސަލައާއި އެބޭފުޅުންގެ [ގާނޫނީ މަންދޫބުން]ގެ އެހީތެރިކަމާ އެކު ގެންނަމުން އަންނަ އިސްލާހުތަކާ މެދު ތަފުސީލުކޮށް މައުލޫމާތު ދިނުމަށް ސަރުކާރަށް ގާނޫނީ ލަފާދޭ ފަރާތްތައް އެބައްދަލުވުމުގައި ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސަރުކާރުން އަދިވެސް ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ގާނޫނީ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ސްވަޔާ ތަކުރާރުކޮށް އިންކާރު ކުރައްވަމުން ގެންދެވި ނަމަވެސް ރައީސް ނަޝީދުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބައިނަލް އަގުވާމީ ވަކީލު އާމާލް ކްލޫނީއާއި ބައްދަލުކުރައްވައި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސްވަޔާ ހުންނަވައިގެން ބްރިޓިޝް ފޮރިން އެންޑް ކޮމަން ވެލްތު އޮފީހުން ރާއްޖޭގެ ދާހިލީ މައްސަލައެއްގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ، ބަޔާނުގައި ސްވަޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.