20 Sep 2015, 11:05
ލަންޑަން (ސެޕްޓެމްބަރު 21) : ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާމެދު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ގެންގުޅުއްވާ ސިޔާސަތުތަކަށް އެގައުމުގެ އިދިކޮޅު ލީޑަރު ޖެރިމީ ކޯބީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ލޭބާ ޕާޓީގެ ލީޑަޝިޕާ އަލަށް ހަވާލުވެ ވަޑައިގެންނެވި ޖެރިމީ ކޯބީން ވިދާޅުވީ ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސިޔާސަތުތަކުގައި ހިކްމަތްތެރިކަމާއި ދުރުވިސްނުން ނެތްކަމަށާއި ޔޫރަޕްގެ އިއްތިޙާދުން ބޭރުވުމަކީ އިނގިރޭސިވިލާތަށް ހުރިހާ ގޮތަކުން ވެސް ދެރަލިބި ނިކަމެތި ވެގެންދާނެ ކަމެއް ކަމުގަ އެވެ. ފައިނޭޝަލް ޓައިމްސްގައި ލިޔުއްވާފައިވާ މަޒްމޫނެއްގައި ކޯބިން ވިދާޅުވެފައި ވަނީ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ދެކޮޅަށް ލޭބާ ޕާޓީ އިން މަސައްކަތް ކުރާނެ ކަމުގައެވެ.
ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި 2017 ވަނަ އަހަރު އިނގިރޭސިވިލާތުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ޑޭވިޑް ކެމެރޮންވަނީ ތާރީޚެއް ކަނޑައަޅުއްވާފަ އެވެ. ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ބޭނުމަކީ އެ އިއްތިޙާދުގައި ބައިވެރިވެގެން އޮތުމުން ލިބޭ ފައިދާއަށް ވުރެ އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ބޮޑުކަމުން ކަމަށް ކެމެރޮން ދެކެވަޑައިގަންނަވަ އެވެ.
މިއީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އޮތުމުން ބޮޑު އަދި ބާރުގަދަ ގައުމެއްގެ ހައްޘިއްޔަތު އިނގިރޭސިވިލާތަށް ގެއްލޭތީ ކެމެރޮން ގެންގުޅުއްވާ ސަޔާސަތެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އިނގިރޭސިވިލާތަކީ އިގްތިސާދީ ގޮތުން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންދާ ގައުމަކަށްވެފައި ޔުރަޕަށް ބެލި ނަމަވެސް އިނގިރޭސިވިލާތަކީ ތިން ވަނަ ދަރަޖައިގެ އިގްތިސާދެއްކަމަށްވާތީ ޔޫރަޕްގެ އިއްތިޙާދުން ބޭރުވެގެން ދުރުމުއްދަތަކަށް ބަލާއިރު އިނގިރޭސިވިލާތަށް ފައިދާ ނުކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އަށާވީސް މެންބަރުން ހިމެނޭ ޔޫރަޕްގެ އިއްތިޙާދަކީ އިސްލާޙް ކުރަން ޖެހޭ ޖަމާއަތެއްކަމަށް ގަބޫލުކުރައްވާ ކަމަށް އިނގިރޭސި އިދިކޮޅު ލީޑަރު ކޯބީން ވިދާޅުވި އެވެ. (ފައިނޭންޝަލް ޓައިމްސް)