23 Sep 2015, 18:16
ޑައެޓް ސޮޑާ، ފިޒީ ޑްރިންކްސް، އެނާރޖީ ޑްރިނކްސް އަދި ހަކުރު ނެތް ކަމަށް ބުނެ އިސްތިހާރުކުރާ ބުއިންތަކަކީ ހަށިގަނޑަށް ސީދާގޮތުންނާއި ނުސިދާގޮތުން ގެއްލުންދޭ ބުއިންތެކެއް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ހަކުރު ނެތް ކަމަށް ބުނާ ބުއިން ތަކަކީ ހަކުރުނެތް ކަމުގައި ވިޔަސް ފޮނި ރަހަ ޖެއްސުމަށްޓަކައި އެކިބާވަތް ބާވަތުގެ އާޓިފިޝަލް މާއްދާތައް ބޭނުންކޮށްފައިވާ ބުއިންތައް ކަމަށެވެ. އަދި އެއީ ސިއްހީގޮތުން ނުރައްކާތެރި ބުއިންތަކެއް ކަމަށް އެޗްޕީއޭގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"ފޮނިރަހަ ޖެއްސުމަށްޓަކައި ބޭނުންކުރާ މާއްދާތަކަކީ އޭގައި ހަކަތަ ނުވަތަ ކެލޮރީ ހިމެނޭ މިންވަރު މަދު އެއްޗެއް ކަމުގައިވިޔަސް، އެފަދަ އާޓިފިޝަލް މާއްދާތައް އެކުލެވިފައިވާތީ، މިފަދަ ބުއިންތަކަކީ ސިއްހީގޮތުން ނުރައްކާތެރިކަންކުޑަ ބުއިންތަކެއްކަމަށް ސައެންޓިފިކް ތަހްލީލްތަކުން ސާބިތުކުރެވިފައެއްނުވޭ" އެޗްޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މާލޭގެ ފިހަރަތަކުގައި ވިއްކަންހުއްނަ ބައެއް ޑްރިންކްސް: އެޗްޕީއޭއިން ބުނީ ޑައެޓް ސޮޑާ، ފިޒީ ޑްރިންކްސް، އެނާރޖީ ޑްރިނކްސް އަކީ ހަށިގަނޑަށް ގެއްލުންހުރި ބުއިންތަކެއް ކަމަށް -- ސަންފޮޓޯ -- އަލީ ނަސީރު
ކެއިންބުއިމުގެ އާދަކާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ އެހެނިހެން ބަދަލުތަކަކީ ސިއްޙަތާ ވަރަށް ގުޅުންހުރި ކަމެއްކަން ފާހަގަކޮށް އެޗްޕީއޭގެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮށްފައިވާ ސިއްޙީ ދިރާސާތަށް ދައްކާގޮތުގައި ދިވެހިންގެ ބަރުދަން އަންނަނީ އިތުރުވަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ބަލިތައް ގިނަވެ ހަށިގަނޑަށް ބިޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
"2014 ވަނަ އަހަރުގައި ރާއްޖޭގައި މަރުވެފައިވާ މީހުންގެ ތެރެއިން 81 ޕަސެންޓު ނިސްބަތްވަނީ ގައިންގަޔަށް ނާރާބަލިތަކަށެވެ. އަދި މީގެރެއިން 39 ޕަސެންޓު ނިސްބަތްވަނީ ހިތުގެބަލިތަކަށް ކެއިން ބުއިމުގައި ގެންގުޅުވޭ ނުރަނގަޅު އާދަކާދަތަކުގެ ސަބަބުން މިފަދަ ގައިންގަޔަށް ނާރާބަލިތަކަށް (ހިތުގެ ބަލިތައް، ލޭމައްޗައް ދިއުން، ސްޓްރޯކް، ކެންސަރު އަދި ހަކުރުބަލި) މީހާ ހުށަހެޅޭ"
ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމުކަންދޭންވީ ޅަފަތުގައާއި، ފުރާވަރުގައާއި އަދި ޒުވާންއުމުރުގައި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ދިރިއުޅުމުގެ ރަނގަޅުއާދަކާދަތަކަށް އަހުލުވެރިވުމަށްވެސް އެޗްޕީއޭއިން ވަނީ ގޮވާލާފަ އެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ދިރިއުޅުމުގެ ރަނގަޅުއާދަކާދަތަކަށް އަހުލުވެރިވުން
- ހެލިފެލިވެ އުޅުން
- ކެއިންބުއިމުގައި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރުން
- ނުރަނގަޅު ކެއުން ބުއިންތައް ހުއްޓާލުމާއި ދުންފަތުގެ އިސްތިޢުމާލު ނުކުރުން
- ތަރުކާރީ އާއި މޭވާ މަދުވެގެން ދުވާލަކު ފަސް ފަހަރު ކެއުން
- ބުއިމަށް ސިއްޙީގޮތުން އެއްމެ ފައިދާހުރީ އަދި ރައްކާތެރީ ފެނާއި އާދައިގެ ކިރު (ތަފާތުރަހަތައް ޖައްސާފައިނުވާ ކިރުގެ ބާވަތްތައް) ބޭނުން ކުރުން
މިހާރަކަށްއައިސް އިސްތިހާރު ކުރެވޭ ތަފާތު ބުއިންތަކާމެދު ސަމާލުވުމަށާއި ސިއްޙީ ގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.