28 Sep 2015, 17:15
މައްކާ (ސެޕްޓެމްބަރު 28) : މިދިޔަ ބުރާސްފަތި ދުވަހު މައްކާގެ މިނާގައި ފިތިބާރުވެގެން މަރުވި 769 ހާޖީންގެ ތެރޭގައި އެންމެ ގިނައީ އީރާނާއި މަޣްރިބް (މޮރޮކޯ) އާއި އިންޑޮނީޝިޔާއާއި މިސްރާއި އިންޑިއާގެ ޙާޖީންކަމަށް ޚަބަރު ލިބިއްޖެއެވެ.
ސައުދީ ރަސްމީ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ޚަބަރު ފަތުރާ ވަސީލްތަކުން ބުނާ ގޮތުން މިނާގެ ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި އީރާނުން 144 ހާޖީންނާއި މަޣްރިބް އިން 87 ހާޖީންނާއި އިންޑޮނީޝިޔާއިން 41 ހާޖީންނާއި މިސްރުން 37 ހާޖީންނާއި އިންޑިޔާއިން 34 ހާޖީން ހިމެނެއެވެ. މީގެއިތުރުން ޕާކިސްތާނާއި އަފްޣާނިސްތާނާއި ނައިޖީރިޔާއާއި އިރާގާއި ސެނެގާލް އާއި މޮރިޓޭނިޔާއާއި އަލްޖަޒާއިރުގެ ހާޖީންވެސް މިނާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ. ޒަޚަމްވެފައިވާ ޙާޖީންގެ ތެރޭގައި ވެސް އެންމެ ގިނައީ މި ގައުމުތަކުގެ ހާޖީންނެއެވެ.
މިނާގައި ފިތި ބާރުވެގެން މަރުވި ޙާޖީންގެ ތެރެއިން ބައެއް މީހުން ގެ ހަށިތައްވަނީ ކޮންބައެއްކަން ނޭންގޭ ވަރަށް ހަލާކުވެފައެވެ. އެހެންކަމުން މަރުވި ހުރިހާ ހާޖީން ނިސްބަތްވާ ގައުމުތައް ސައޫދީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް މަރުވިމީހުންނާއި ޒަޚަމްވީ މީހުން ނިސްބަތްވާ ހައްޖު ގްރޫޕްތަކުން މިހާރު ވަނީ އެގްރޫޕްތަކުން މަދުވާމީހުންގެ އަދަދުތައް ސާފުކޮށްފައެވެ. ޒަޚަމްވެފައިވާ މީހުންގެ ތެރޭގައިވެސް އެތައް ބަޔަކު އަދިވެސް އެޑްމިޓްކޮށްފައިވަނީ އައިސީޔޫ ގައި ކަމަށްވެ އެވެ.
މިނާގައި ހައްޖުވެރިން ފިތިގެން މަރުވި ސަބަބުތައް ދެނެގަތުމުގެ ތަހުގީގުތައް ސައޫދީ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މިޙާދިސާ ތަހްގީގު ކުރުމަށް ސައޫދީ ސަރުކާރަށް ފާޅުގައި ގޮވާލާފައިވާ ހަމައެކަނި ގައުމަކީ އީރާނެވެ. އީރާނުން ވަނީ މިކަމުގައި ސައޫދީންގެ އިހްމާލުވުން ވެސް އޮތްކަމަށް ބުނެފައެވެ. އަދި މިނާގައި ހައްޖުވެރިން މަރުވީ އީރާނުގެ ހައްޖުވެރިންގެ ބައެއް މީހުންގެ އަމަލުތައް ހުރި ގޮތުންކަމަށްބުނެ އީރާނުގެ ހައްޖު މިޝަންގެ މަސްއޫލުވެރިއަކާ ހަވާލާދީ ސައޫދީ މީޑިޔާއިން ފެތުރި ޚަބަރުތަކެއް އީރާނުންވަނީ ދޮގުކޮށްފައެވެ. އަރަބި ގައުމުތަކުގެ ބައެއް ނޫސްތަކުން މި ހާދިސާގައި ސައޫދީ ސަރުކާރު ކުށްވެރިކޮށްފައިވާއިރު އަނެއްބައި ނޫސްތަކުންވަނީ ހައްޖުވެރިންގެ ތެރެއިން ހައްޖުގެ އިދާރީ އުސޫލުތަކަށް އިހްތިރާމް ނުކުރާ ކަމަށްބުނެ ބައެއް ހައްޖުވެރިން ކުށްވެރިކޮށްފައެވެ.
މިނާގައި ހައްޖުވެރިން ތާށިވުމުގެ ސަބަބުތަކުގެ ތެރޭގައި، ޖަމްރާތަކަށްދާ މަގުތަކުގެ ކަންތައްތައް ބަލަހައްޓަން މިފަހަރު ތިބި ބައެއް ގާޑުންގެ ތަމްރީނާއި ތަޖްރިބާމަދުކަން ހިމެނޭކަމާއި ޖަމްރާތަކަށް ދާ މަގުތަކުގެ މަގެއް ކުއްލި ގޮތަކަށް ސައޫދީ ސަރުކާރުން ބަންދުކުރުން ވެސް ހިމެނޭކަން އަރަބި ބައެއް ނޫސްތަކުން ފާހަގަކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)