ވޮޝިންޓަން (ސެޕްޓެމްބަރު 30) : އަފްޣާނިސްތާނުގެ އުތުރުގައިވާ ސްޓޭރެޓީޖިކް ސިޓީއެއްކަމަށްވާ ގުންޑުޒް ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ދިޔުމަކީ ބޮޑު ކާރިސާ އެއްކަމަށް ވައިޓްހައުސް އިން ސިފަކޮށްފި އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ގުންދުޒް ތާލިބާނުންގެ އަތްދަށަށް ދިޔުމަކީ ބޮޑު ކާރިސާއެއްކަމަށާއި ތާލިބާނުން އެރަށަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރާ ކަމުގަ އެވެ. ނަމަވެސް ގުންދުޒް އަލުން މިނިވަންކޮށް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ އަސްކަރީ އޮޕަރޭޝަނެއް އަފްޣާން ސިފައިން ފަށާފައިވާ ކަމަށާއި އެ އޮޕަރޭޝަނަށް އެމެރިކާ ދެމުންގެންދަނީ އަސްކަރީ މަޝްވަރާ އެކަނި ކަމަށް އާނެސްޓް ވިދާޅުވި އެވެ.

ތާލިބާނުންގެ އަތްދަށަށް ގުންދުޒް ދިޔުމާ އެކު އެރަށް އަލުން އަނބުރައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ޓަކައި އަފްޣާން ސަރުކާރުން ވަނީ ސިފައިންނާއި ހަތިޔާރު އެސަރަހައްދަށް ފޮނުވައި އަސްކަރީ އޮޕަރޭޝަނެއް އިއްޔެ ފަށާފަ އެވެ. އެ އޮޕަރޭޝަންގައި ދެފަރާތުން ވެސް މީހުން މަރުވެ ގުންދުޒްގައިވާ ސަރުކާރުގެ ބައެއް އިމާރާތްތައް އަފްޣާން ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނެވިފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

ދެހާސް އެއްވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލުމަށް ފަހު ތާލިބާނުންނަށް ލިބުނު އަސްކަރީ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގުންދުޒް ސިޓީ ކުއްލި ގޮތަކަށް އެޖަމާއަތުގެ އަތްދަށަށް ގެނައުންކަމަށް އަސްކަރީ ތަޖްރިބާކާރުން ސިފަކުރެ އެވެ. މިރަށް އަތްދަށުލުމަށް ޓަކައި ތާލިބާނުން ހިންގި 12 ވަރަކަށް ގަޑީއިރުގެ ކުއްލި އޮޕަރޭޝަނަކާ އެކު އެޖަމާއަތުން ވަނީ އެރަށް ހިފާފަ އެވެ.
ތާލިބާނުންގެ މިއޮޕަރޭޝަން ކާމިޔާބުކޮށްލި މިންވަރުގެ އަވަސްކަމުން އަފްޣާން ސަރުކާރަށާއި އެ ސަރުކާރަށް ވާގިވެރިވާ އެމެރިކާއަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ. ހަނގުރާމައާއި ތަޅާފޮޅުމާއި ބޮންގޮއްވުން ފަދަ ހަރުކަށި އަމަލުތައް ހިންގުމުގެ ތަޖްރިބާ ބޮޑު ތާލިބާނުން ބަލިކުރުމުގައި އެމެރިކާގެ ބާރުގަދަ ލަޝްކަރުތަކާއި ނޭޓޯވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އެމެރިކާއާއި ނޭޓޯގެ ބާރުތައް 12 އަހަރުވަންދެން އަފްޣާނިސްތާނުގައި އެއްގަމާއި ވައިން އެންމެ ޒަމާނީ ހަތިޔާރާއި ވަސީލަތްތައް ބޭނުންކޮށްގެންވެސް ތާލިބާނުން ބަލިކޮށްލެވިފައެއް ނުވެއެވެ.
ގުންޑުޒްއަކީ އަފްޣާނިސްތާނުގެ އުތުރުގައިވާ އަސްކަރީ ގޮތުން ސްޓްރެޓީޖިކް ރަށެކެވެ.
(މައުލޫމާތު :ނޫސްއެޖެންސީތައް)