ހައްޖުވެރިން ގޮވައިގެން މިއަދު މެންދުރު 2:50ގައި ރާއްޖެ އަށް އަންނަން އޮތް ފްލައިޓް ވެސް ޑިލޭ ވެފައިވާ ކަމަށް މެގަ މޯލްޑިވްސް އިން ބުނެފި އެވެ.

މެގަ މޯލްޑިވްސްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެއާޕޯޓުގެ މައްސަލަތަކަކާ ހުރެ އަނެއްކާ ވެސް ފްލައިޓް ޑިލޭ ވެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މީހުން ގޮވައިގެން އަންނަ ފްލައިޓާއި ފަސިންޖަރުން ވެސް މިހާރު ތިބީ ޖިއްދާ އެއާޕޯޓުގައި ފުރަން މުޅިން ތައްޔާރުވެގެން ކަމަށާއި ނަމަވެސް އެއާޕޯޓުގެ ޗެކިން ސިސްޓަމާއި ލަގެޖް ބެލްޓުގެ މައްސަލައަކާ ހުރެ ފުރުން ޑިލޭވަނީ ކަމަށެވެ. ނަމަވެސް ލަސްވީ ކިހާ އިރަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހައްޖުވެރިން ގޮވައިގެން ރާއްޖެއަށް އަންނަން އޮތް ފުރަތަމަ ފްލައިޓް ވެސް މީގެ ކުރިން ވަނީ އެ އާޕޯޓްގެ މައްސަލަތަކަކާ ހުރެ ޑިލޭ ވެފަ އެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ 1766 މީހަކު މެގަ މޯލްޑިވްސް އިން ދަތުރުކުރި އިރު، އެ އެއާލައިނުން ވަނީ، އެކަމަށް ހާއްސަކޮށްގެން ހަ ފްލައިޓެއް ޗާޓަރުކޮށްފަ އެވެ.

ހައްޖަށް ދިޔަ 1،766 މީހުންގެ ތެރެއިން 1،300 މީހަކީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދިޔަ މީހުންނެވެ.