ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒުގެ ހާއްސަ މުސީރު އަދި އެ މަނިކުފާނުގެ އެއްބަފާ ބޭބެ ޕްރިންސް ނައްވާފް ބިން އަބްދުލްއަޒީޒު ރޭ އަވަހާރަވެއްޖެ އެވެ.

ސައުދީ ޕްރެސް އެޖެންސީ އިން މިއަދު ބުނީ ނައްވާފް ބިން އަބްދުލްއަޒީޒު އަވަހާރަވީ އުމުރުން 83 އަހަރުގައި ކަމަށެވެ.

ނައްވާފަކީ ރަސްގެފާނު އަބްދުލްއަޒީޒު އަލް ސޫދުގެ 22 ވަނަ ދަރިކަލުންނެވެ. އަދި އެ މަނިކުފާނަކީ ހައުސް އޮފް ސޫދުގެ ސީނިއާ ބޭފުޅެކެވެ. އަދި އަވަހާރަވި، ކުރީގެ ރަސްގެފާނު އަބްދުﷲގެ ވަރަށް އަރިސް ބޭފުޅެކެވެ.

އެ މަނިކުފާނު ވަނީ ސައުދީ އެރެބިޔާގެ ވަރަށް ގިނަ އަދި މަތީ މަގާމުތައް އަދާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު އޮފް އިންޓަލިޖަންސްގެ މަގާމު ހިމެނެ އެވެ. އަދި ރޯޔަލް ކޯޓުގެ ޗީފްކަން ވެސް ކުރެއްވުމުގެ އިތުރަށް ފައިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

އެ މަނިކުފާނު އަވަހާރަވީ ކޮން ބައްޔެއްގައި ކަމެއް ސައުދީ ސަރުކާރަކުން ނުބުނެ އެވެ. އެ މަނިކުފާނު އަވަހާރަވި އިރު ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.

އެ މަނިކުފާނު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ މާދަމަ އެވެ.