ރައީސްގެ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގުކުރުމަށް އެމެރިކާގެ އެފްބީއައިގެ ހަތަރު ބޭފުޅަކު ރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

'ސަން'އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ތަހުގީގުގައި އެމެރިކާއިން ރޭ ވަޑައިގެންނެވި ހަތަރު ބޭފުޅުންނާއި ކުރިން ވަޑައިގެންނެވި ބޭފުޅާއެކު ކުރިއަށްދާ ކަމަށެވެ.

އެހެން ކަމުން އެމެރިކާގެ ފަސް ބޭފުޅުންނާއި ސައުދީގެ ނުވަ ބޭފުޅަކު ދަނީ މިހާރު އެ މައްސަލަ ތަހުގީގުކުރަމުން ނެވެ.

އަދި ރާއްޖެ އަށް އެ ތަހުގީގުގައި އެހީތެރިވެދޭން އޮސްޓްރޭލިއާ އާއި ލަންކާ އިން ވެސް ވަނީ ނިންމާފައެވެ.

މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ސަޢުދީ ޢަރަބިއްޔާ އިން އެނބުރި ވަޑައިގެން މާލެއަށް ދަތުރުކުރައްވަނިކޮށް، އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާއަކީ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވުން ގާތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސްގެ ބޮޑީ ގާޑަކަށް، އަދި ޕްރޮޓްކޯލް ބޭފުޅަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފަ އެވެ.