02 Oct 2015, 00:19
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމަތް ކުރަން ސިފައިންނާއި ފުލުހުންނާއެކު ވެސް މަސައްކަތް ކުރާނެ ކަމަށް، ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ޗާންދަނީމަގާއި ފަރީދީމަގާ ގުޅޭ ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ އެމްޑީޕީން ނަޝީދު މިނިވަން ކުރުމަށް މުޅި ދުނިޔެއާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރެއިން ދިވެހި ފުލުހުންނާއި ސިފައިންގެ ނަން މުސްތަފާ ވަނީ ވަކިން ފާހަގަކުރައްވާފަ އެވެ.
އެހެން ވިދާޅުވުމަށްފަހު މުސްތަފާ ވިދާޅުވި "އެންމެންނާ ގުޅިގެން" ނަޝީދު މިނިވަން ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުކުމެ ކުރަނީ ގައުމީ މަސައްކަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ހިލާފަށް ކަމަށް އދ ގެ ވޯކިން ގުރޫޕުން ނިންމުމާ ގުޅިގެން ސަރުކާރުން ނަޝީދު ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
"ފުލުހުންގެ ތެރެއިން ވެސް ހަމަވިސްނުން ވިސްނޭ މީހުން އަޅުގަނޑެމެނާއެކު ތިއްބަވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. އެ މީހުން އަޅުގަނޑުމެނާއެކު ތިބޭނެ،" އެމްޑީޕީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި މުސްތަފާ ވިދާޅުވި އެވެ.
މިރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ހަސަން އަފީފު ވިދާޅުވީ ބޭރު ދުނިޔެއިން ބުނާ ބުނުންތަކަށް ރައީސް އަބްދުﷲ ޔާމީން ކިޔަމަންވެވަޑައި ނުގަންނަވާތީ އެކަމާ ހައިރާންވެ ވަޑައިގަންވާ ކަމަށެވެ.
"މި ރާއްޖެ މި ދަނީ އަނދަވަޅަކަށް ވެއްޓެމުން. މި ރާއްޖޭގައި މިހިރަ އަނިޔާވެރި ވެރިޔާ އަންގާ ޣައިރު ގާނޫނީ ކިޔަމަންވަމުން ދަނީ މިރާއްޖެ ހަލާކު ކުރަމުން،" އަފީފު ވިދާޅުވި އެވެ.

ނަޝީދު ދޫކޮށްލަން ގޮވާލައި އެމްޑީޕީން މިރޭ ސީގަލް ކަންމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން-- ސަން ފޮޓޯ / ފަޔާޒު މޫސާ
ރައީސް އަބްދުﷲ ޔާމީން "ކުޑަކަކޫ މައްޗަށް ތިރިވާން" ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް އަފީފު މިރޭ ވަނީ ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ ޖިނާއީ ކޯޓެއްގައި ރާއްޖޭގެ މީހަކަށް ދައުވާ ކުރާނަމަ އެ ފަރާތަކީ ރައީސް ޔާމީނަށް ވާނެ ކަމަށް އަފީފު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީން މަގުމަތީ ހަރަކާތްތަށް މީގެ ކުރިން ކުރިއަށް ގެންދިޔަ ނަމަވެސް މެދު ކެނޑުމަކަށްފަހު އަލުން ފެށީ މިރެ އެވެ. އަދި މި މަހުގެ ނުވަ ވަނަ ދުވަހު ހަވީރު ބޮޑު އެއްވުމެއް އޮއްނާނެކަން ވެސް އެމްޑީޕީން މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.

ނަޝީދު ދޫކޮށްލަން ގޮވާލައި އެމްޑީޕީން މިރޭ ސީގަލް ކަންމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން-- ސަން ފޮޓޯ / ފަޔާޒު މޫސާ