ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތް ( އަލުން ) އިންސާފުވެރިކަމާއި އެކު ކުރުމަށް ނުވަތަ އެމަނިކުފާނު މިނިވަން ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އެމެނެސްޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު ޖަލަށްލާފައި ހުންނަވާ ހުންނެވުމާއި ގުޅިގެން ޔޫއެން އިން ނިންމާފައިވާ އަދި ޝާއިއުވެސް ނުކުރާ ނިންމުމަކަށް ސަރުކާރުން ދެކޮޅު ހެދުމަކީ ޝަރުއީ ނިޒާމުގެ މިނިވަންކަމާއި މެދު ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ދައްކައިދޭ ކަމެއް ކަމަށެވެ.

"...ނަޝީދުގެ ޝަރީއަތަކީ ފެށުނީއްސުރެ ނިޔަލަށް، ސިޔާސީ ގޮތުން ކޮށްފައިވާ ލަދުވެތިވާން ޖެހޭ އަދުލު އިންސާފުގެ ގޮތުން ދަށު ދަރަޖައިގެ ކަމެކެވެ،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ސައުތު އޭޝިއަން ރިސާޗް ޑައިރެކްޓަރު ޑޭވިޑް ގްރިފިޓްސް ބުނި ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އިންސާފުވެރި ނޫން ޝަރީއަތް ތައް ކޮށް ރާއްޖޭގައި ޖަލަށް ލާފައި ވަނީ މުޙައްމަދު ނަޝީދު އެކަނި ނޫން ކަމަށެވެ. އަދި ރާއްޖޭގައި ބޭއިންސާފު ޝަރީއަތްތައް ކޮށް ޖަލަށް ލާފައިވާ އެންމެން ވެސް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތް ކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ ނަޝީދުގެ ގާނޫނީ ޓީމުން އެމައްސަލަ ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުމުން އެގްރޫޕުން ވެސް ވަނީ ނަޝީދު ދޫކޮށްލަން ޖެހޭ ކަމަށް ބުނެފައެވެ.