ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ގޭސް ފިހާރާގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު ހިނގި އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފިހާރައިގެ ބޮޑު ދޮރުކައިރީ އަޅާފައި އޮތް މެޓެއްގައި ކަމަށެވެ. އޭގެ އިތުރުން ގެއްލުމެއް ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އެއްވެސް އިތުރު އެއްޗަކަށް ގެއްލުމެއް ނުވެ އެވެ. ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސް ގުޅިގެން ނިއްވާލައިފި ވަރަށް އަވަހަށް." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި ހުޅުމާލޭ އިންޖީނުގޭގައި ވެސް އަލިފާން ރޯކޮށްލުމަށް ބަޔަކު ވަނީ މަސައްކަތް ކޮށްފަ އެވެ.