06 Oct 2015, 15:39
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރަން ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކޮށްފި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިއަދު "ސަން" އަށް ވިދާޅުވީ އިއްޔެ ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ އިސްލާހަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިސްލާހު މަޖިލީހަށް ވެއްދިކަން އެނގިވަޑައިގެންނެވި ހިސާބުން އިސްލާހުގެ ސުކުރީން ޝޮޓެއް ނެގުމަށްފަހު ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށާއި ރައީސް މައުމޫނަށް ފޮނުއްވާފައިވާ ކަމަށެވެ.

ނިހާނު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އެ އިސްލާހަކީ ޕާޓީގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރައްވާ އިސްލާހެއް ނޫން ކަމަށް -- ފޮޓޯ/ މަޖިލިސް
"އެ އިސްލާހު ރައީސް ޔާމީނަށް އަޅުގަނޑު ފޮނުވީ ޕާޓީގެ މުޝްތަޝާރުގެ ހައިސިއްޔަތުން. އެ އިސްލާހު އެމަނިކުފާނަށް [ރައީސް ޔާމީން] ލިބިވަޑައިގެންނެވުމާއި އެކު އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ޔާމީނު އަޅުގަނޑު ގާތު ވިދާޅުވި،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިމުމުގެ ކުރިން ރައީސް މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލޭ އިސްލާހާއި މެދު ގޮތެއް ނިންމުމަށް ޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އަދި އެކަން ކޮންމެވެސް ވަރަކަށް މީޑިއާ އަށް ވެސް ތިލަވެގެން ދިޔަ ކަމަށާއި ނަމަވެސް އެ ދުވަހުގެ ބައްދަލުވުން ނިންމާލަން ޖެހުނީ ކޯރަމް ހަމަނުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އުމުރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށެވެ.

އިސްލާހު މަޖިލީހަށް ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފައިލް ފޮޓޯ
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެންމެ މަތީ އުމަރު ވެސް 65 އަހަރަށް ވުރެ މަތިވެގެން ނުވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެ އިސްލާހު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ހިންގުމުގައި އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކު ހުންނެވި ކަމަށްވާ ނަމަ އެ ބޭފުޅެއް އެ މަގާމުން ވަކިވާނެ ކަމަށެވެ.
އެގޮތަށް އެ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަން ގެއްލޭނެ އެވެ. ރައީސް މައުމޫނުގެ އުމުރުފުޅަކީ 77 އެވެ.
ގާނޫނު އަސާސީއަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ އުމުރަކީ ވެސް 65 އަހަރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އާޒިމް ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނަށް އެފަދަ އިސްލާހެއް އޭނާ ހުށަހެޅުއްވީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއި ސިޔާސީ ޕާޓީތަކުގެ ގާނޫނު އެއްގޮތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.