އަދަން (އޮކްޓޯބަރު 6): ޔަމަން ސަރުކާރުގެ އިސް މަސްއޫލުވެރިން ތިއްބަވާ ހޮޓަލަކަށާއި އެތަނުގެ ކައިރީގައިވާ އަސްކަރީ މަރުކަޒަކަށް ދިން މިސައިލް ހަމަލާތަކެއްގައި އެތަށްބަޔަކު މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި ޔޫ.އޭ.އީ ގެ ސިފައިންގެ ދެ މީހުން ހިމެނޭކަން ޔަމަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސައޫދީ އަރަބިޔާގެ އަސްކަރީ އެހީއާއެކު ޔަމަންގައި ވެރިކަން ކުރައްވާ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރުގެ ތަރްޖަމާން ރާޖިޙް ބާދީ ވިދާޅުވީ އަދަންގައި ހުންނަ ގަސްރު ހޮޓަލަށް މިސައިލުން ދިން ދެ ހަމަލާއިން ޔަމަންގެ ބޮޑުވަޒީރު ޚާލިދް ބަޙާހް ވަރަށް ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގެންފައިވާ ކަމުގައެވެ.

ނަމަވެސް މި ހޮޓަލުގައި ތިއްބަވާ ޔަމަން ސަރުކާރުގެ އިސް އެހެން މަސްއޫލުވެރިއަކަށް ގެއްލުމެއް ލިބުނުކަން ނުވަތަ ނޫންކަން ރާޖިޙް ބާދީ ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

މިސައިލް ހަމަލާގެ ފަހަތުގައި ވަނީ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގެ ބާރުތަކާއި އޭނާއަށް ވާގިވެރިވާ ހޫޘީ ޖަމާއަތުންކަމަށްވަނީ ބެލެވިފައެވެ.

އެ ހަމަލާގެ އިތުރުން ގަސްރު ހޮޓަލުގެ ކައިރީގައިވާ އެހެން އިމާރާތަކަށްވެސް މިސައިލް ހަމަލާއެއް ވަނީ ދީފައެވެ. އެއީ ރައީސް ހާދީގެ ސަރުކާރަށް އެހީތެރިވުމަށާއި އެސަރުކާރު ނެގެހެއްޓުމަށްޓަކައި ޔަމަނަށް އަސްކަރީ ގޮތުން ވަދެގަނެގެންއުޅޭ އަރަބި ބާރުތަކުގެ ސިފައިން ތިބޭ މަރުކަޒެއްކަމަށް ޚަބަރުތައް ބުނެއެވެ. ހާދީގެ ސަރުކާރު ބުނާގޮތުން ދެވަނަ މިސައިލް އެރި މަރުކަޒަކީ ޔަމަން ސަރުކާރަށް ނިސްބަތްވާ އަސްކަރީ ކޮމާންޑްގެ މައިމަރުކަޒެވެ. މިހަމަލާގައި އަރަބި ލަޝްކަރުގެ 13 މީހުން މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޔަމަންގެ ސަރުކާރުންވެސް އަދި އަރަބި ލަޝްކަރުތަކުގެ ކޮމާންޑް ބަލަހައްޓާ ސައޫދީ އަރަބިޔާއިންވެސް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހާދީގެ ސަރުކާރުގެ އިސްވެރިންނަށާއި ޔަމަނަށް ވަދެގަނެގެން އުޅޭ އަރަބި ލަޝްކަރަށް އަމާޒުކޮށް މިހަމަލާތައް ދީފައިމިވަނީ އަރަބި ލަޝްކަރުން ޔަމަންގެ ކައިވެނި ޕާޓީއެއް ހިނގަމުންދިޔަ ތަނަކަށް ހަމަލާދީ އާންމުންގެ 130 މީހުން މަރާލާފައިވަނިކޮށެވެ. މި ކައިވެނި ޕާޓީއަށް ހަމަލާދިނީ އަރަބި ލަޝްކަރުގައި ހިމެނޭ ސައޫދީ އަރަބިޔާއާއި ޔުއޭއީ ގެ އަސްކަރި މަތިންދާބޯޓުތަކުންކަން ޔަމަންގެ އާންމުންނާއި ބައިނަލްއަގްވާމީ މުރާސިލުން ކަށަވަރުކޮށްދިންނަމަވެސް އެކަމާބެހޭގޮތުން އެދެ ގައުމުންވެސް އަދި އަރަބި ލަޝްކަރުތަކުގެ ގުޅިފައިވާ ކޮމާންޑުންވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ.

ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އަރަބި ލަޝްކަރެއް އުފައްދައިގެން ވަދެގެންފައިވަނީ މިދިޔަ މާޗްމަހުގައެވެ. މިލަޝްކަރުން ފުރަތަމަ ދިނީ ހަމައެކަނި ވައިގެ ހަމަލާތަކެވެ. މިހަމަލާތައް 4 މަސްދެން ދިންއިރު މިމުއްދަތުގެ ތެރޭގައި ޔަމަންގެ ބޮޑެތި ރައްތަކުގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރ އާއި ތަރައްގީގެ ވަސީލަތްތައް މުޅިންކަހަލަ ގޮތަކަށްވަނީ ހަލާކުކޮށްލާފައެވެ. އަދި ޔަމަންގެ އެތަށް ހާސްބަޔަކު މަރުވެފައިވާއިރު ދެލިޔަނަށްވުރެ ގިނަމީހުންވަނީ ރެފިއުޖީންނަށްވެފައެވެ. ވައިގެ ހަމަލާތަކާއެކު ހޫޘީން ކޮންމެވެސް ވަރަކަށް ބަލިވުމުން އަރަބި ލަޝްކަރުގައި ހިމެނޭ ސައޫދީ ގަތަރު އަދި ޔޫއޭއީ ގެ ސިފައިންވަނީ އެއްގަމުމަގުން ޔަމަނަށް ވަދެގަނެ އަދަންއާއި އެނޫންވެސް ބައެއް ރަށްރަށުން ޙޫޘީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް ސާލިޙްގެ ބާރުތައްވަނީ ފައްސާލާފައެވެ. ނަމަވެސް ވެރިރަށް ސަންއާ ހިފުމަށް އަރަބި ލަޝްކަރުވަނީ ނުކުޅެދިފައެވެ. (ނޫސްއެޖެންސީތައް)