ލައިސެންސް ނެގުމަށް ބައިވެރިވާ ކޮންމެ ދުއްވުމަކަށް 100 ރުފިޔާގެ ފީއެއް ނަގަން ފަށައިފި އެވެ.

މީގެ ކުރިން ލައިސެންސް ނެގުމަށް އިތުރު ފީއަކާއި ނުލައި ކޮންމެ ފަހަރަކު ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވެ އެވެ. ނަމަވެސް މި މަހުން ފެށިގެން ކޮންމެ ކަހަލަ އުޅަނދެއް ވިޔަސް އިމްތިހާނަށް ދުއްވުމަކަށް ވަނީ 100 ރުފިޔާގެ ފީއެއް ނަގަން ފަށައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ އެ ފީއަކީ އެއްގަމު ދަތުރުފަތުރު ގާނޫނުގައި ނަގަން އަންގާފައިވާ ފީއެއް ކަމަށާއި އެކަން އެއޮތޯރިޓީ އަށް އެނގުނީ މީހަކު އޮޑިޓް އޮފީހަށް އެ މައްސަލަ ހުށައެޅުމުން ކަމަށެވެ.

"ގާނޫނުގައި އޮންނަނީ ލިޔެފައި ކަނޑައެޅިގެން ޓެސްޓް ހަދާ ކޮންމެ ފަހަރަކު 100 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް. އެހެން ލިޔެފައި އޮއްވައި މި މައްސަލަ ފެންމަތި ވުމުން އަޅުގަނޑު ބުނިން އެނގުނު ވަގުތުން ފެށިގެން އަމަލު ކުރަން ފަށާށޭ." ނާފިޒު ވިދާޅުވި އެވެ.

އަލަށް ގެނައި ބަދަލާ އެކު ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ފަހަރަކު 100 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.