08 Oct 2015, 09:52
މޮސްކޯ (އޮކްޓޯބަރު 8) : ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކާއި އެމެރިކާގެ މަތިންދާބޯޓުތައް ސޫރިޔާގެ ވައިގެ ސަރަހައްދުގައި އުދެހެމުންދާއިރު އެކަތި އަނެކެއްޗާޖެހި މުޑިއަރައި އެކްސިޑެންޓެއް ހިނގުން މަނާކުރުމަށް ޓަކައި ދެގައުމުގެ ފަންނީ ތަޖްރިބާކާރުން ވިލަރެސް ކުރަމުން ގެންދާ ކަން އެދެގައުމުން ހާމަކޮށްފި އެވެ.
ރަޝިޔާގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އެންޑްރޭ ކާޓަޕްލޯވް ވިދާޅުވީ މިކާބެހޭ ގޮތުން ދެގައުމުގެ ވައިގެ ސިފައިންގެ މެދުގައި މައުލޫމާތު ބަދަލުކޮށް އެއްގައުމަކުން ހަރަކާތްތެރިވާގޮތް އަނެއް ގައުމަށް ހާމަކުރަމުން ގެންދާކަމުގަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރު އެޝްޓަން ކާޓަރު ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވަނީ ސޫރިޔާގެ ވައިގެ ސަރަހައްދުގައި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކާއި އެމެރިކާގެ މަތިންދާބޯޓުތައް ޖެހި އެކްސިޑެންޓެއް ހިނގައިފާނެތީ އެމެރިކާގެ މަތިންދާބޯޓުތަކުގެ ދަތުރުތަކުގެ މިސްރާބު އެތަށް ފަހަރަކު ބަދަލުކޮށްފައިވާކަން ވެސް ހާމަކޮށްފަ އެވެ.
އެމެރިކާއާއި ރަޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ދެބާރެވެ. މިދެބާރު ކުރިމަތިލުމަކަށް ދިޔުމަކީ ދުނިޔޭގައި އިތުރު ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމެއް ކަމަށްވާތީ އެއްވެސް ހާލަތެއްގައި އެއް ގައުމު އަނެއްގައުމާ އަސްކަރީ ގޮތުން ސީދާ ގޮތެއްގައި ކުރިމަތި ނުލުމަށް ރަޝިޔާއާއި އެމެރިކާ އިން ވަރަށް ކުރީއްސުރެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މިއެއްބަސްވުމުގެ ދަށުން އެމެރިކާއާއި ރަޝިޔާ އެއްގައުމުން އަނެއް ގައުމަށް ދޫދެމުން ގެންދެއެވެ. މިގޮތުން ސޫރިޔާގެ ހަނގުރާމައިގެ މައިދާނުގައި މިހާރު ބޮޑަށް ދުދެމުން ގެންދާތަން ފެންނަނީ އެމެރިކާއިންނެވެ. ނަމަވެސް ރަޝިޔާ އިން ސޫރިޔާއަށް ވަދެގަތުމަކީ އެމެރިކާ ވަރަށްބޮޑަށް ދެކޮޅު ހަދާކަމެއްކަން އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ވަނީ ހާމަކުރައްވާފަ އެވެ. އަދި ކާޓަރުވަނީ ސޫރިޔާގައި ރަޝިޔާ ގެންގުޅެނީ އެމެރިކާގެ ސިޔާސަތުތަކާ މުޅިން އިދިކޮޅު ގޯސް ސްޓްރެޓެޖީ އެއް ސިފަކުރައްވައި ރަޝިޔާއަށް އެމެރިކާގެ އެއްވެސް ތާއީދެއް ނެތްކަމަށް ވިދާޅުވެ ރަޝިޔާ ސޫރިޔާގައި ހިންގާ އަސްކަރީ ހަރަކާތްތަކާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރައްވާފަ އެވެ.
އެމެރިކާ ގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިޔާ ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތުމުގެ ފަހަތުގައިވަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމް ހިމާޔަތް ކުރުމެވެ. އަދި ރަޝިޔާ ދެކޭގޮތުގައި އެމެރިކާ ގެންދަނީ ނުސީދާ ގޮތެއްގައި އައިއެސް އަށް ހަތިޔާރާއި އެނޫންވެސް ތަކެތި ފޯރުކޮށްދެމުންނެވެ. (ނޫސްއެޖެންސީތައް)