10 Oct 2015, 13:38
ގެއެއްގެ ލިފްޓު ގޮޅިން އަށް މަހުގެ ތުއްތު ކުއްޖަކާއި އަންހެނަކު ވެއްޓި އަނިޔާވެއްޖެ އެވެ. މިހާދިސާގައި އެ ތުއްތު ކުއްޖާއަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު 12:38 އެހާކަންހާއިރު، ހ. ފެންނާގޭ ހަވަނަ ފަންގިފިލާއިން އަށް މަހުގެ ތުއްތު އަންހެން ކުއްޖަކާއި 56 އަހަރުގެ އަންހެނަކު އެ ގޭގެ ލިފްޓް ގޮޅިއަށް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، ތުއްތު ކުއްޖާއަށާއި އެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ލިބިފައިވާ އަނިޔާގެ ތަފުސީލެއް މިވަގުތު ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަ ކުއްޖާ އާއި އަންހެންމީހާ ވެއްޓި، ލޭތައް ލިފްޓްގޮޅީގައި -- ސަން ފޮޓޯ/ ޝަރުވާން
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު "ސަން" އަށް ވިދާޅުވީ، ތުއްތު ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެ ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ތުއްތު ކުއްޖާގެ ވާތު ފައިގައި ރެނދެއް ލައިފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ.
ފެންނާގޭގެ ލިފްޓްގޮޅި
"އަންހެން މީހާ އެހާ ސީރިއަސެއް ނޫން. އެހެންނަމަވެސް އޭނާ އަށް ވެސް ކޮންމެވެސް ކަހަލަ އަނިޔާއެއް ވެފައި ހުރީ. އަދި އަޅުގަނޑަކަށް އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ނުލިބޭ،" އައްފާލު ވިދާޅުވި އެވެ.
ތުއްތު ކުއްޖާއާއެކު ވެއްޓުނު އަންހެން މީހާއަކީ އެ ކުއްޖާއާ ކިހާ ގާތް ގުޅުމެއް އޮތް މީހެއްކަން އަދި ސާފެއް ނުވެ އެވެ.