12 Oct 2015, 09:17
ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ކުރީގެ އެމްބަސީ ހިންގި އިމާރާތް، ސޯސަންވިލާގައި ކިޔަވަމުންދާ ދަރިވަރުން ފުރަތަމަ ފަހަރަށް ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން ހަދައިފި އެވެ.
ސޯސަންވިލާގައި ހިންގަމުންދާ ދިވެހި އިސްލާމް ކުލާސްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ހަތް ދަރިވަރަކު އެސްއެސްސީ އިމްތިހާން ހަދާފައިވަނީ އިއްޔެ އާއި މިއަދު އެވެ. އިމްތިހާންގެ ކަންތައް ބަލަހައްޓާފައިވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) ގެ ބޭފުޅުން ލަންކާއަށް ވަޑައިގެންނެވެ.

ސޯސަންވިލާގައި ކިޔަވާ ދިވެހި ދަރިވަރުން އެސްއެސްސީ އިމްތިހާން ހެދުމަށް އިމްތިހާން ހޯލުގައި: ސޯސަންވިލާގައި ކިޔަވަމުންދާ ހަތް ދަރިވަރުން އެސްއެސްސީ އިމްތިހާން ހަދާފައިވޭ --- ފޮޓޯ/ އަދުރޭ
ޕަބްލިކް އެގްޒެމިނޭޝަން އިން މައުލޫމާތުދޭ ގޮތުގައި، މިއީ ރާއްޖޭން ބޭރުގައި އެސްްއެސްސީ އިމްތިހާނެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ސިލޯނުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި، އަބްދުއް ރަޝީދު (އަދުރޭ) ވިދާޅުވި ގޮތުގައި، ފުރަތަމަ ފަހަރަށް ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުން ދިވެހި އަދި އިސްލާމް އިމްތިހާނެއް ހެދުމަކީ އަދުގެ ސަރުކާރުން ތައުލީމަށްދޭ އަހައްމިއްޔަތުކަން ދައްކައިދޭ ހެއްކެއް ކަމަށެވެ.
ތޭރަ ހާހަށްވުރެއް ގިނަ ދިވެހިން ދިރިއުޅޭ ލަންކާގައި ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ސޯސަންވިލާގައި ހިންގާ ދިވެހި އިސްލާމް އަދި ޤުރުއާންގެ ހާއްސަ ކުލާސްތައް ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ކުރީކޮޅު އެވެ.
ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭ އެ ސެންޓަރުގައި އެއް ދަންފަޅިއަކަށް ކުލާސްތައް ކުރިއަށްދާއިރު، ރަޖިސްޓްރީ ވެގެން 585 ދަރިވަރަކު ކިޔަވަމުންދެ އެވެ. އޭގެ ތެރޭގައި މަތީ ސާނަވީ ގްރޭޑްތަކުގައި 55 ދަރިވަރަކު ދަނީ ކިޔަވަމުންނެވެ.