12 Oct 2015, 09:31
ބަޣްދާދު (އޮކްޓޯބަރު 12): އިރާގުގެ ވައިގެ ސިފައިން، އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރުލްބަޣްދާދީގެ ގާފިލާއަށް ދިން ވައިގެ ހަމަލާތަކަށްފަހު ބަޣްދާދީ މަރުވެފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިރާގުން ބުނިނަމަވެސް ބަޣްދާދީ މަރުނުވާކަމަށް އައިއެސް އިން ބުނެފިއެވެ.
އެޖަމާއަތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިރާގު ސިފައިންގެ އެއްވެސް ހަމަލާއެއްގައި ބަޣްދާދީ މަރުނުވާކަމުގައެވެ. އިރާގުގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ހަވީރު ހަމަލާދީފައިވަނީ އެގައުމުގެ ހުޅަނގުގައި އޮންނަ އަލްކަރާބިލާ ސަރަހައްދުގައި ކުރިޔަށްދިޔަ އައިއެސް ޖަމާއަތުގެ އިސް ލީޑަރުންގެ ބައްދަލުވުމަކަށާއި އެބައްދަލުވުމަށް ޙާޒިރުވުމަށް ބަޣްދާދީ ދަތުރުކުރި ގާފިލާއަކަށެވެ. އިރާގު ސިފައިންގެ އެ ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ 8 ލީޑަރުން މަރުވެފައިވާކަން އެސަރަހައްދުގެ އާންމުންނާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނެއެވެ.
ބަޣްދާދީގެ ގާފިލާއަށް ދިން ހަމަލާގައި އޭނާ މަރު ނުވިނަމަވެސް އެހަމަލާގައި އޭނާ ޒަޚަމްވެފައިވާނެ ކަމަށް އިރާގުން ނެރުނު އެންމެ ފަހުގެ ރިޕޯޓް ބުނެއެވެ.
އަލްކަރާބިލާގައި ބައްދަލުވުން ކުރިޔަށްދިޔަ އިމާރާތުގެ ތެރެއިން އެތަށްބައެއްގެ ހަށިތައް ނަގައިގެންދާ މަންޒަރު ފެނުނުކަމަށް އެސަރަހައްދުގެ ގެ އާންމުން ބުނެއެވެ. އަލްކަރާބިލާއަކީ އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އިރާގުގެ ހުޅަނގުގެ ގަވަނޭޓެއް ކަމަށްވާ އަލްއަންބާރުގެ ސަރަހައްދެކެވެ.
އައިއެސްގެ ލީޑަރު އަބޫބަކްރުލްބަޣްދާދީ އަކީ އަމިއްލައަށް ޚަލީފާއަކަށް ހެދިގެން އުޅޭ ހައްދުފަހަނަޅާފައިވާ މީހެކެވެ.
ބަޣްދާދީއަކީ ވަރަށް ބޮޑަށް ފިލައިގެންއުޅޭ ނުރައްކާތެރި މީހެއްކަމުން އާންމު ތަނަކުން އެއްގޮތަކަށްވެސް ނުފެންނަކަމަށްވެއެވެ. ބަޣްދާދީ މަރާލުމަށް އިރާގުންނާއި އެމެރިކާއިން އެތަށް ހަމަލާތަކެއް ދީފައިވާއިރު އެ ހަމަލާތަކަކުން އޭނާ ސަލާމަތް ވެފައިވާކަމަށް އައިއެސްއިން ބުނިނަމަވެސް އެހަމަލާތަކުގައި ބަޣްދާދީ މަރުވެފައިވާކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.
ތާލިބާނުންގެ ޒައީމް މުއްލާ އުމަރު މަރުވިކަމަށްވެސް ތާލިބާނުން އެއްބަސްވީ އޭނާ މަރުވިތާ 2 އަހަރުފަހުންނެވެ. (ނޫސްއެޖެންސީތައް)