ހޮނިހިރު ދުވަހު ރާއްޖެ އަށް ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ރައީސް ނަޝީދު ޖަލުގައި ހުންނަވާ މަސައްސަލައާ ބެހޭ ގޮތުން ސުޝްމާ ރައީސް ޔާމީނާ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ދެއްކެވީ ކޮން ވާހަކަފުޅެއް ކަމެއް، ކަންބޮޑުވުން ފާޅުކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް އެނޫހަކުން ނުބުނެ އެވެ.

ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް ފަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައި ނަޝީދުގެ މައްސަލައާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ. އަދި އެ ދަތުރުފުޅުގައި ސުޝްމާ ސުވަރާޖާއި ރައީސް ޔާމީނު ބޭއްވެވި ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބުނެފައި ވަނީ "ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވި" ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސްއާ ވާހަކަ ދެއްކި އިންޑިއާ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލް ބުނި ކަމަށް ނޫހުން ބުނީ "ބޭރުގެ ފަރާތްތައް" ކަމަށް ވިދާޅުވެ ރައީސް ޔާމީނު އިޝާރާތް ކުރެއްވީ އިންޑިއާއަށް ނޫން ކަމަށާއި އެއީ އެމެރިކާއާއި ޔޫކޭ ފަދަ ގައުމުތަކަށް ކަމަށެވެ.