ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގޭބަންދަށް ބަދަލުކޮށްފި އެވެ.

ޝައިޚް އިމްރާން ގޭބަންދަށް ބަދަކުލުކުރަން ނިންމީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގަ އެެވެ.

އިމްރާން ބަންދުގައި ބަހައްޓާފައި ވަނީ މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތައް ގުޅިގެން ކުރިއަށްގެން ދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިން ކަމަށް ބުނެ ދައުލަތުން އިމްރާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ޝަރީއަތް ނިމެންދެނެވެ.

ނަމަވެސް އޭގެ ފަހުން އިމްރާން ގޭބަންދަށް ބަދަލުކޮށްފައިވީ ނަމަވެސް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އަލުންވަނީ ފުލުހުންގެ ބަންދަށް ބަދަލުކޮށްފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ފުލުހުންގެ ބަންދަށް ބަދަލުކުރުމަށް ޝަރީއަތުން ނިންމައި އޭނާ ބަދަލުކުރުމުގެ ކުރިން ޝަރީއަތުން ފުލުހުންނަށް އޭނާގެ ސިއްހީ ކަންކަން ބަލައި ގަވާއިދުގެ ދަށުން ކަންކަން ކުރުމަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އެތަށް ފަހަރަކު އާދޭސް ކުރުމުންވެސް ޑޮކްޓަރަށް ދައްކައިދީފައިނުވާ ކަމަށާއި އަދި ބިޑި ނާޅުވަން ޑޮކްޓަރު އެންގުމުން ވެސް އެކަންވެސް ފުލުހުން ހުއްޓާފައިނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، އޭނާގެ ލޭގެ ޕްރެޝަރު މައްޗަށްދާކަމަށާއި ހަކުރާއި ކޮލެސްޓްރޯލް ވެސް މަތި ކަމަށެވެ. އަދި އެހުރިހާ ކަމަކަށް ޓެސްޓުތައް ހެދުމަށް ޑޮކްޓަރު އަންގާފައިވީ ނަމަވެސް އެކަން ވެސް ފުލުހުން ކޮށްދީފައިނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ، އިމްރާން އަބްދުﷲ ފުލުހުންގެ ބަންދަށް ބަދަލުކުރުމުގެ ކުރިން ސިއްހީކަންކަމަށް ބެލުމަށާއި އަދި ގަވާއިދުން ކަންކަން ކުރޭތޯ ބެލުމަށް ދައުލަތަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް ދައުލަތަށް އެކަން ބެލިފައިނުވާ ކަމަށެވެ.

އެހެންކަމުން އިމްރާން ގޭބަންދަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ގާޒީ ބާރީ ވިދާޅުވި އެވެ. ގޭބަންދުގައި ހުރި ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް ބޭރަށް ނިކުންނަ ނަމަވެސް ފުލުހުންނަށް އެނގި ފުލުހުންނާއި އެކު ދިއުމަށް ގާޒީ ބާރީ ވަނީ އިމްރާނަށް އަންގައިފަ އެވެ. އަދި އޮގޮތަށް އަމަލު ނުކުރާނަމަ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ބަދަލު ކުރެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.