13 Oct 2015, 20:02
މިނިވަން 50 ޗެމްޕިއަންޝިޕްގައި ދ. މާއެނބޫދޫ އާއި އެ އަތޮޅު ހުޅުދެލި މިއަދު ބައްދަލު ކުރި މެޗުގެ ފޯރި "ވިހަވެ" ދެ ރަށުގެ ސަޕޯޓަރުން މާރާމާރީ ހިންގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
އެ މާރާމާރީ ހިނގާފައި ވަނީ މާއެނބޫދޫގައި މިއަދު ކުޅުނު މެޗު ނިންމާލުމަށްފަހު ހުޅުދެލީ ޓީމު ފުރަން ބަނދަރު ސަރަހައްދަށް ދިޔަ މަގުމަތީގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މާއެނބޫދޫގައި ދެ ރަށެއްގެ ސަޕޯޓަރުންގެ މެދުގައި ހިނގި މާރާމާރީގައި ފުލުހުންނަށާއި އާންމުނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުދެލި ކައުންސިލްގެ ރައީސް އާދަމް ޒާހިރު "ސަން"އަށް ވިދާޅުވީ ހުޅުދެލީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއެކު މާއެނބޫދޫއިން ފުރަން ދަނިކޮށް އެ ރަށު ބަޔަކު ގާއުކައި މާރާމާރީ ހިންގި ކަމަށެވެ. އަދި ހުޅުދެލީ ސަޕޯޓަރުންގެ ގޮތުގައި މާއެނބޫދޫއަށް ދިޔަ މުސްކުޅިންނާއި އަންހެނުންނަށް ވެސް އެ މާރާމަރީގައި އަނިޔާވެފައިވާ ކަމަށާއި އެކެއްގެ ހާލު ސީރިއަސްވެގެން ދ. ކުޑަހުވަދޫއަށް ގެންގޮސްފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.
މާއެނބޫދޫގައި ކުޅުނު މެޗު ބެލުމަށް ހުޅުދެލިން 500 އެއްހާ މީހުން އެ ރަށަށް ދިޔަ ކަމަށްވެ އެވެ. އެ މީހުން ދިޔައީ އެ ރަށުގެ ހަ ދޯންޏެއްގަ އެވެ. ނަމަވެސް މިހާރު އެންމެ ދޯންޏެއް ފިޔަވައި ހުރިހާ ދޯނިތައް އެނބުރި ހުޅުދެއްޔަށް ހޮސްފައިވާ ކަމަށްވެ އެވެ.
މާއެނބޫދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރަޝީދު އިބްރާހިމް ވިދާޅުވީ އެ ރަށުގައި މިއަދު މާރާމާރީއެއް ނުހިނގާ ކަމަށާއި ދެ ރަށެއްގެ ސަޕޯޓަރުންގެ މެދުގައި "ހަމަނުޖެހުމެއް" ހިނގި ކަމަށެވެ. އަދި އެއީ މިއަދުގެ މެޗާ ގުޅިގެން ހިނގި ކަމެއް ނޫން ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
މާއެނބޫދޫގައި މިއަދު އިރުއޮއްސުނު ވަގުތު ހިނގި އެ މާރާމާރީ ކޮންޓްރޯލް ކުރުމަށް އެ ރަށުގައި ހަރަކާތްތެރިވީ 15 ފުލުހެކެވެ.
މިނިވަން 50 ޗެންޕިއަންޝިޕްގައި މާއެނބޫދޫ އާއި ހުޅުދެލި ބައްދަލު ކުރި މެޗުން މޮޅުވީ މާއެނބޫދޫ އެވެ. ނަތީޖާއަކީ 2-0 އެވެ.