އަންކަރާ (އޮކްޓޯބަރ 14): މިދިޔަ ހޮނިހިރު ދުވަހު ތުރުކީގެ ވެރިރަށް އަންކަރާގައި ގޮއްވާލި ބާރުގަދަ ދެ ބޮމުގެ ޙާދިސާ އާ ގުޅިގެން އެގައުމުގެ އަމަނާބެހޭ މުއައްސަސާތަކުގެ އިސްވެރިން މަގާމުން ދުރުކޮށްފިއެވެ.

މަގާމުން ދުރުކުރި މަސްއޫލުވެރިންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ އިސްވެރިޔާއާއި ޖާސޫސީ އިދާރާގެ ވެރިޔާއާއި ޕަބްލިކް ސޭފްޓީ އާބެހޭ އިދާރާގެ ވެރިޔާއެވެ.

އަންކަރާގައި ގޮއްވާލި ބާރުގަދަ ދެ ބޮމުގެ ސަބަބުން 98 މީހުން މަރުވެ ދުއިސައްތައަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. މިއީ މިހާތަނަށް ތުރުކީއަށް ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާކަމަށް އެގައުމުންވަނީ ސިފަކޮށްފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މި ޓެރަރިސްޓް ހަމަލާ ދެވިފައިވަނީ ތުރުކީގެ އަމަނާބެހޭ އިދާރާތަކުގެ ފަރުވާކުޑަކަމުގެ ސަބަބުންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ތުރުކީގެ އަމަނާބެހޭ އިދާރާތައް ފަރުވާވެ އެއިދާރާތަކަށް ޒިންމާތައް ފުރިހަމައަށް އަދާކުރިނަމަ މި ހަމަލާތައް ނުދެވުނީސްކަމަށް އުރުދުޣާން ވިދާޅުވެފައިވެއެވެ.

އަންކަރާގައި ގޮއްވާލި ބާރުގަދަ ދެ ބޮމުގެ ޙާދިސާގެ ފަހަތުގައިވާ ކަމަށް އެގައުމުގެ އަމަނާބެހޭ ފަރާތްތަކުން އެންމެ ބޮޑަށް ޝައްކުކުރާ ފަރާތްތަކީ އިސްލާމީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާގެ ގޮތުގައި އިސްލާމީ ގައުމުތަކުން ސިފަކުރާ އައިއެސް ޖަމާއަތެވެ. އެޖަމާއަތަކީ މުސްލިމުން ކަތިލައި އިސްލާމީ ގައުމުތަކުގެ މިސްކިތްތަކާއި ބާޒާރުތަކާއި މަގުތަކުގައި ބޮންގޮއްވައި އެޖަމާއަތުގެ އަމިއްލަ ފިކުރާ ނުގުޅޭ ކޮންމެ ފަރާތަކީ ލޭ ހުއްދަ ކާފަރުންގެ ގޮތުގައި ދެކޭ ޖަމާއަތެކެވެ. ނަމަވެސް އައިއެސް ޖަމާއަތުން މިޖަރީމާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ހެނދުނުވަނީ އަންކަރާގައި މިދެ ބޮން ގޮއްވާލި ދެ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އުރުދުޣާންވަނީ މިޙާދިސާގައި މަރުވި މީހުންގެ ހަނދާނުގައި އެސަރަހައްދުގައި މާ ބޮނޑިއެއް ބާއްވަވާފައެވެ.

އަންކަރާގައި ދެބޮން ގޮއްވާލާފައި ވަނީ އަންކަރާގެ މައި ރޭލްވޭ ސްޓޭޝަންގެ ކައިރީގައިވާ ސަރަހައްދެއްގައެވެ. އުރުދުޣާން މިސަރަހައްދަށް ވަޑައިގެންފައިވަނީ އެގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ފިންލެންޑްގެ ރައީސް އާ ވެސް އެކުގައެވެ. (އަލްޖަޒީރާ)