ތެހެރާން (އޮކްޓޯބަރު 16) : އީރާނުން ފަރުބަދަތަކުގެ އަޑީގައި ތައްޔާރުކޮށްފައިވާ ދުރުރާސްތާގެ މިސައިލް ރައްކާކުރާ ބިންގަރާހެއްގެ ފޮޓޯތަކެއް އެގައުމުގެ މީޑިއާ އިން ހާމަކޮށްފި އެވެ.

މިފޮޓޯތަކުން ފެންނަނީ ފަރުބަދަތަކެއްގެ އަޑިން 500 މީޓަރުގެ ފުނުގައި ތައްޔާރުކޮށްފައިވާ ބޮޑު ބިންގަރާހެއްގައި ގިނަ އަދަދެއްގެ މިސައިލާއި މިސައިލް އުދުއްސާލުމަށް ބޭނުންކުރާ ލޮރީތަކެކެވެ. ނަމަވެސް މިއީ ކޮންސަރަހައްދެއްގެ ބިމުގެ އަޑީގައި ހުރިތަނެއްކަން އީރާނުގެ މީޑިޔާ އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޖަރުމަނުގެ ނޫސްއެޖެންސީއަށް ދިން ބަސްދީގަތުމެއްގައި އީރާނުގެ އެއަރޯސްޕޭސްގެ ކޮމާންޑަރު ޖެނެރަލް އަމީރު އަލީ ޙާޖީ ވިދާޅުވީ މިއީ ކިތަންމެ ވަރުގަދަ ވައިގެ ހަމަލާތަކަކުން ވެސް ސަލާމަތްވާގޮތަށް ތައްޔާރުކޮށްފައިވާ އަސްކަރީ ބޭހެއް ކަމަށާ އީރާނުގެ ފަރުބަދަމަތީ އެތަށް ސަރަހައްދެއްގެ ބިމުގެ އަޑީގައި މިފަދަ މިސައިލް ބިންގަރާސްތަކާއި މިސައިލް ސްޓޭޝަންތައް ހުންނާނެ ކަމުގައެވެ.


ޖެނެރަލް އަލީ ވިދާޅުވީ އެމެރިކާފަދަ ގައުމުތަކުން އުފައްދާފައިވާ އެންމެ ބާރުގަދަ ސެޓަލައިޓްތަކުގެ ޖާސޫސީ ހަރަކާތްތަކާއި އެންމެ ވަރުގަދައަށް ބޮންއަޅާ ބޯޓުތަކުގެ ވައިގެ ހަމަލާތަކަށްވެސް އީރާން ޖެހިލުންނުވާ ކަމުގައެވެ. އީރާނުގައި ހަރުފިއުލާއި ދިޔާ ފިއުލުން މަސައްކަތްކުރާ ދުރުރާސްތާގެ ސްމާޓް މިސައިލްތައް ގިނަ އަދަދަކަށް ހުރިކަމަށްވެއެވެ. އެހެންކަމުން އެންމެ ބޮޑެތި ނިއުކްލިޔަރ ބާރުތަކުގެ ކުރިމަތީގައިވެސް އަމިއްލަ ނަފްސު ދިފާއު ކުރެވޭނެ ކަމުގެ ސައްތައިން ސައްތައިގެ ޔަގީންކަން އީރާނަށް އެބައޮތް ކަމަށް ޖެނެރަލް އަލީ ވިދާޅުވިއެވެ.

ޖެނެރަލް އަލީ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ކުޅެލަން ބޭނުންވާ ފަރާތްތައް އީރާނުގެ އަސްކަރީ ބާރު ތަޖްރިބާކޮށްލުން މުހިއްމު ކަމުގައެވެ. އީރާނުން އުފައްދާފައިވާ ދުރުރާސްތާގެ މިސައިލްތަކުގެ ތެރޭގައި "ސިއްޖީލް" "ޝިހާބު" ފަދަ މަރުކާގެ މިސައިލްތައް ހިމެނެއެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅިގެން އެގައުމަށް ހަމަލާދޭނެކަމުގެ އިންޒާރުތައް އެމެރިކާއާއި އިސްރާއީލުން ދޭތާ މިހާރު 12 އަހަރު ވެފައިވެއެވެ. ނަމަވެސް މއިން އެއްވެސް ގައުމަކަށް އީރާނާ ބެހިލަން ކެރިފައެއް ނުވެއެވެ. ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އީރާނުންވަނީ ނިއުކްލިޔަރ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީފަދަ މަތީފެންވަރުގެ ޓެކްނޮލޮޖީ އާއި އޭގެ ވަސީލަތްތައް އާދަޔާ ޚިލާފަށް ތަރައްގީކޮށްފައެވެ.

އީރާނަކީ ސައެންޓިފިކް ރިސާޗްތަކަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ހޭދަކުރާ މިންވަރާ ދަދިއެއްވަރަކަށް (އެގައުމުގެ އާމްދަނީގެ ނިސްބަތުން) ހޭދަކުރާ ގައުމެކެވެ. އެހެންކަމުން އިސްލާމީ އެއްވެސް ގައުމަކުން މިދާއިރާތަކުގައި ކުރިޔަށް ގޮސްފައިނުވާ މިންވަރަށް އީރާން ވަނީ ކުރިޔަށް ގޮސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ޓެކްނޮލޮޖީގެ ބާރާއި އިލްމީ ކުރިއެރުން އީރާނުން ޙާސިލް ކުރަމުން ގެންދަނީ ބޮޑެތި ބާރުތަކަށް އިޢުތިމާދު ކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިޢްތިމާދުކޮށްގެންނެވެ. އެހެންކަމުން ބޮޑެތި ބާރުތަކަށްވެސް މިއަދުވަނީ އީރާނަށް އިހްތިރާމް ކުރުމަށް މަޖްބޫރު ވެފައެވެ. (ނޫސްއެޖެންސީތައް)