ހިފާފައިވާ ގުދްސު (އޮކްޓޯބަރ 17) : އިއްޔެގެ ހުކުރު ނަމާދަށް ފަހު އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައި 160 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ.

އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކިސަރަހައްދުތަކުގައި ހިނގި މިކުރިމަތިލުންތަކުގައި ފަލަސްތީނުގެ އާންމުންގެ ވަކިވަކި ފަރުދުން ވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލު ސިފައިންނަށް ވަޅިން ހަމަލާތައް ދޭން މަސައްކަތްކޮށްފަ އެވެ. އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ކުރަމުން ގެންދާ ގޯނާތަކާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެގެ ހުކުރު ނަމާދަށް ފަހު ފަލަސްތީނުގެ އެތައް ހާސްބަޔަކު ވަނީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައްކޮށްފަ އެވެ.

މުޒާހަރާކުރި ތަންތަނުގެ ތެރޭގައި ރާމަﷲ އާއި ޚަލީލް އާއި ގަލްގީލިޔާއާއި ނާބްލްސްއާއި މަސްޖިދުލްއަގްސާ ހުންނަ އިރުމަތީ ގުދްސު ހިމެނެ އެވެ.

މި މުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުންވަނީ އިސްރާއީލުން ހުއްދަ ދީގެން ޔަހޫދީ ހަރުކަށި ޖަމާއަތްތަކުން މަސްޖިދުލްއަގްސާ އަށް ގޯނާކޮށް އެމުގައްދަސް ބިނާގެ ހުރްމަތް ކަނޑަމުންގެންދިޔުން ހުއްޓާލުމަށާއި އިސްރާއީލުގެ އިސްތިޢްމާރާދެކޮޅަށް ނުކުންނަ ފަލަސްތީނުގެ އާންމުންގެ ބަޔަށް ބަޑިޖަހައި ޝަހީދުކުރުމުގެ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފަ އެވެ. އަދި މިކަމުގެ ހަމައެކަނި ހައްލަކީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުންކަމަށް ވެސް ފަލަސްތީނުގެ ރައްޔިތުން ބުނެފައިވެ އެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ގެންދަނީ މާތްވެގެންވާ މަސްޖިދުލްއަގްސާ ތަޅާލުމަށް ފާޅުގައި ގޮވާލާ ހައްދު ފަހަނަޅާފައިވާ ޔަހޫދީން މަސްޖިދުލްއަގްސާގެ ތެރެއަށް ވައްދައި އެމިސްކިތުގެ ހުރްމަތް ކަނޑާލަމުންނެވެ. މީގެ އިތުރުން އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ނުކުންނަ ފަލަސްތީނުގެ އާންމުންގެ ގަޔަށްވެސް އިސްރާއީލު ސިފައިން ގެންދަނީ ބަޑިޖަހައި އެމީހުން ޝަހީދު ކުރަމުންނެވެ. އިސްރާއީލުގެ މިހަރުކަށި އަމަލުތަކަކީ އިސްލާމީ އުންމަތަށާއި މުސްލިމުންނަށް ގޮންޖެހުން ކަމަށާ މިކަމާދެކޮޅަށް އަޑުއުފުލުމަށް އަރަބި އަދި އިސްލާމީ އެތަށް ގައުމެއްގައި އިއްޔެ ހުކުރު ނަމާދަށް ފަހު އެތަށް ހާސްބަޔަކުވަނީ މުޒާހަރާތައްކޮށްފަ އެވެ.

ފާއިތުވި 16 ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އާންމުންގެ އަދަދު 36 އަށް އަރާފައިވެ އެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުގެ އާންމުން އިސްރާއީލު ސިފައިންނަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ ހަތް މީހުން ވަނީ މަރުވެފަ އެވެ. (އަލްޖަޒީރާ)