17 Oct 2015, 15:53
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު "ގައުމީ ފިލްމް އެވޯޑްސް" މިމަހުގެ 22 ވަނަ ދުވަހުގެރޭ ބާއްވަން ނިންމާފައިވާ އިރު އެވާޑުގެ ޖަޖުންގެ ޕެނަލް ސިއްރުކަމަށް ނެޝަނަލް ސެންޓާ ފޮ ދި އާޓްސް ( އެންސީއޭ) އިން ބުނެފި އެވެ.
މިއަހަރު އެވާޑް ދިނުމަށް ހަމަޖެހިފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ނެރެފައިވާ ފިލްމުތަކަށެވެ.
ގައުމީ ފިލްމު އެވޯޑާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަހުމަދު ނާޒިމް ވިދާޅުވީ މިފަހަރުގެ ފިލްމް އެވޯޑަށް ނުވަ ފީޗާ ފިލްމެއް އަދި ހަތް ޝޯޓް ފިލްމެއް ނޮމިނޭޓްވެފައިވާ ކަމަށެވެ. ނަމަވެސް ނޮމިނޭޓްވި ފިލްމުތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެއްނުވެ އެވެ.
ފީޗާ ފިލްމުގެ ބައިން 23 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކުރު ފިލްމުގެ ބައިން ދެނީ އެންމެ އެވާޑެކެވެ. އެއީ އެންމެ މޮޅު ކުރުފިލްމުގެ އެވާޑެވެ. އޭގެ އިތުރުން ފިލްމުގައި ހިމެނޭ ލަވަތަކުން އެންމެ މޮޅު ލަވަކިޔުންތެރިންނަށް ވެސް އެވޯޑުދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ގައުމީ ފިލްމު އެވާޑާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ
ޖަޖުންގެ ޕެނަލް ސިއްރު ކުރަން ނިންމުމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ޖަޖުންގެ ޕެނަލް ސިއްރުކުރަން ނިންމީ މަސްލަހަތަށް ވިސްނާފައި ކަމަށެވެ. ބައެއް ފަހަރު އެވާޑުތަކުގައި ޖަޖުންގެ ޕެނަލުތަކުގައި ތިބޭ ފަރާތްތަކުގެ ސަބަބުން ގިނަ ޝަކުވާތަކެއް އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވާ އަދި އެ ދާއިރާ އިން ތައުލީހާސިލްކޮށްފައިވާ، ކަމަށް ގާބިލު ބޭފުޅުން ޖަޖުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ފިލްމް އެވާޑަށް އިންސާފުލުރައްވަމީ ހަތް ޖަޖުންގެ ޕެނަލަކުންނެވެ.
ގައުމީ ފިލްމު އެވާޑާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ
ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކޮށްފައިވާ އަދި އާންމުގެ މަގުބޫލުކަން ހޯދާފައިވާ ފިލްމީތަރި ނިއުމާ މުހައްމަދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަޖުންގެ ޕެނަލް ސިއްރު ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުގެ ފިލްމެއް އޮވެދާނެ ނޮމިނޭޓްވެފައި. ދެން އަޅުގަނޑު ދަންނަ މީހަކު ނުވަތަ ގާތް ބޭފުޅަކު ޖަޖަކަށް އިނދެފައި އަޅުގަނޑަށް އެވާޑެއް ލިބިއްޖެއްޔާ މީހުންނަށް ގަބޫލުކުރަން ދަތިވާނެ،" ނިއުމާ ވިދާޅުވި އެވެ.
ނިއުމާ ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ގައުމީ ފިލްމް އެވޯޑް އަލުން ދޭން ފެށުމަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ވަަރަށް ބޮޑު ހިތްހަމަޖެހުމަކާއި ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން މެދުކެނޑުމެއް ނެތި އެ އެވޯޑް ދެމުންގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނިއުމާ ވިދާޅުވި އެވެ.
އެންމެ ފަހުން ގައުމީ ފިލްމް އެވޯޑެއް ބާއްވާފައި ވަނީ 2007 ވަނަ އަހަރު އެވެ.