ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ސިފައިގެން ތެރޭގައި ބަންދުކޮށްފައި ތިބި މީހުން ހަންނު ހުންނަ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން (241 ކޮމެޓީ) ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާނު މިއަދު "ސަން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެފަދަ ވާހަކަތަކެއް "ބޭރުތެރެއިން" އެބޭފުޅުންނަށް އިވިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ 241 ކޮމެޓީއަށް ސަލާމަތީ ބާރުތަކުގެ އިސް ފަރާތްތައް ހާޒިރުކޮށް އެފަދަ ކަމެއް އެތަންތަނުގެ ތެރޭގައި ހިނގަމުން ދޭތޯ ސުވާލު ކުރާނެ ކަމަށެވެ. ނިހާނު ވިދާޅުވީ ބަންދުކޮށްފައި ތިބި މީހުން ވަކީލުން ބޭނުންވާކަން ބުނެފައިވާ ކަމުގެ ވާހަކަތަކެއް އަޑު އިވިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެން 241 ކޮމެޓީ އަށް ސަލާމަތީ ބާރުތަކުގެ އިސްވެރިން އަޅުގަނޑުމެން ހާޒިރުކޮށް ސުވާލު ކުރާނަމޭ އެފަދަ ކަމެއް އެތަންތާނގެ ތެރޭގައި އެބަ ހިނގާތޯ. އަޅުގަނޑުމެންނަށް އަޑުއިވިފައި މިހުންނަ ޒާތުގެ ވާހަކަތަކަކީ ތެދު ހަގީގަތްތޯ އޮޅުން ފިލުވާލަނަމޭ،" ލޯންޗުކޮޅުގެ ހާދިސާއާ ގުޅޭގޮތުން 241 ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީގެ މުގައްރިރު ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ބަންދުކޮށްފައި ހުރި މީހެއް ނަމަވެސް އެ މީހެއްގެ ވެރިއަކަށް ކިޔާ ނުދެވޭނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

"ޣައިރު ގާނޫނީ އަމުރަކަށް ނުވާ ނަމަ ލައިން އޮފް ޑިއުޓީގައި ހުންނަ މީހަކަށް އެމީހެއްގެ ވެރިއަކަށް ކިޔާ ނުދެވޭނެ ވާހަކައެއް އޮވެގެން ނުވާނެ. މިސާލަކަށް ޑިއުޓީގައި ހުއްޓާ އެ މީހަކު ކުރި ކަމެއްގެ ސަބަބުން އެމީހާގެ ވެރިޔާ މި ބުނަނީ އެކަމުގެ ހަގީގަތް ކިޔައިދޭން. އެފަދަ ހާލަތެއްގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގާނޫނު އަސާސީން ލިބިދީފައިވާ ހަނު ހުރުމުގެ ހައްގެއް ލިބިގެން ނުވާނެ،" ނިހާނު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކަޅުތުއްކަލާ ކޮށީގައި ބަންދުކޮށްފައި ވަނީ އެމްއެންޑީއެފްގެ އޯޑްނެންސް ސާވިސް (ބަޑި ގުދަން)ގެ ކޮމާންޑިން އޮފިސާގެ މަގާމުގައި ހުންނަވަނިކޮށް މާލޭ އޭރިއާގެ ކޮމާންޑަރަކަށް ބަދަލު ކުރި ކާނަލް އަހުމަދު ފަޔާޒާއި (ޕާޕާ) އާއި ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑަކަށް އުޅުނު ކޯޕްރަލް އަހުމަދު އާމިރު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން 241 ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވީ 241 ކޮމިޓީގެ ދަށުން އެކުލަވާލި ސަބް ކޮމިޓީއަށް ސިފައިންނާއި ފުލުހުން ހާޒިރުކޮށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ބެހޭ ގޮތުން ސުވާލުކޮށްފައިވާނެ ކަމަށެވެ.