19 Oct 2015, 12:01
ހައިކޯޓުގެ ފަނޑިޔާރަކު މާލޭގައި ނޫޅުއްވާތީ ސިވިލް ސާވިސް މުވައްޒަފުންގެ ސާވިސް އެލަވަންސާ ގުޅޭގޮތުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް ކޮށްފިއެވެ.
ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގަވާއިދުގައި ކަނޑައަޅާފައިވާ މާއްދާ ބާތިލް ކުރުމަށެވެ.
ދިވެހި ސިވިލް ސާވިސް ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) އަކީ ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓަށް ހުށަހެޅާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.
މިއަދު ހެނދުނު އެ މައްސަލައިގެ އަޑުއެހުންތައް ފަށަން ތާވަލްކޮށްފައި އޮތްނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު މާލޭގައި ނޫޅުއްވާތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.
އެ މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވާންޖެހޭނީ ބަންޑާރަ ނައިބު ކަމުގައިވާއިރު، ސަލާމް ބުންޏަސް ސާވިސް އެލަވަންސުން އުނިނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު ކުރިން ވަނީ ލަފާދެއްވާފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވެސް ވަނީ ސާވިސް އެލަވަންސް އުނިނުކުރެވޭނެ ކަމަށް ނިންމާފައެވެ. ނަމަވެސް އެ ނިންމުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.