އެއް ކްލަބެއްގައި މާ ދިގު މުއްދަތެއްގައި ހުރުން އެއީ ފޫހިވާނެ ކަމެއް ކަމަށް ބުނެ ބަޔާން މިޔުނިކްގެ ކޯޗް ޕެޕްގާޑިއޯލާ އާސެނަލްގެ ކޯޗް އާސެން ވެންގާއަށް ފާޑު ކިޔައިފިއެވެ.

ޗެމްޕިއަންސް ލީގްގައި މިރޭ ބަޔާން މިޔުނިކާ އާސެނަލް ބައްދަލު ކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ޓީމެއްގެ މެނޭޖަރަކު ދިގު މުއްދަތަކަށް އެއް ތަނެއްގައި ހުނަން ވެއްޖެނަމަ ފޫހީވާނެ ކަމަށާއި މިއީ ގިޔަރު ބަދަލު ކުރަންވީ ވަގުތު ކަމަށެވެ.

"އެއް ކްލަބެއްގައި 20 އަހަރު. އެއީ އެއްވެސް މީހަކަށް އެހަކަތައެއް އަބަދަކު ނުހުންނާނެ. އެއީ އެއްވެސް މީހަކަށް ނުވާނެ ކަމެއް. އަދި އެއީ އެކަމުގެ ސަބަބުން އެހެން މީހުންނަށްވެސް ފޫހިކަން ގެނުވާނެ ކަމެއް،" ގާޑިއޯލާ ބުންޏެވެ.

ވެންގާ އާސެނަލްއާ ހަވާލުވެ އެޓީމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ވެންގާ އާސެނަލްއާ ގުޅުމުގެ ކުރިން އެޓީމް ކުޅެނީ ޑިފެންސިވް ގޭމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ، އާސެނަލްއިން ދެކެނީ ވެންގާއަކީ ފާގަސަންގެ ގޮތުގައި ކަމަށާއި އެޓީމުގައި ވެންގާއަކީ ހަމައެކަނި ކޯޗް ނޫންކަމަށާއި ސްޕޯޓިން ޑިރެކްޓަރުވެސް ކަމަށެވެ.

އެހެންވެ "މި ކްލަބު (އާސެނަލް) ގައި ވެންގާއަކީ ހަމައެކަނި މެނޭޖަރެއް ނޫން. މިކުލަބު ހުރިހާވެސް އެއްޗަކީ އޭނާ. އެއީ އޭނަ ކްލަބުގައި އެހާ ގިނަ ދުވަހު ހޭދަކޮށްފި ނޫންތަ؟" ސުވާލު އުފައްދަމުން ގާޑިއޯލާ ބުންޏެވެ.

މިރޭގެ މެޗާ ބެހޭ ގޮތުން ގާޑިއޯލާ ބުނީ މެޗްގައި އެޑްވާންޓޭޖް ބޮޑީ އާސެނަލްއަށް ކަމަށެވެ.

ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއާ ބަޔާން މިޔުނިކް ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 11:45 ގައެވެ.