ގާހިރާ (އޮކްޓޯބަރު 20): މިސްރުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ފުރަތަމަ މަރްޙަލާގެ ވޯޓުލުން ނިމުނުއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ އެންމެ ހަތަރު ޕަސެންޓް މީހުން ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިސްރުގެ ވަރަށް އިތުބާރުހު ރި ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާ ޚަބަރުދޭ ގޮތުގައި އިންތިޚާބުގެ ފުރަތަމަ މަރްޙަލާގައި ވޯޓުލުމުގެ ކަންތައް ރޭ އިރާކޮޅު ނިންމާލާފައިވާއިރު ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ސަތޭކައަކުން 4 މީހުންނެވެ. ފުރަތަމަ މަރްޙަލާގައި ވޯޓުލުން ކުރިޔަށްދިޔައީ މިސްރުގެ 27 ގަވަނޭޓްގެ ތެރެއިން 14 ގަވަނޭޓެއްގަ އެވެ. މި މަރުހަލާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 27 މިލިޔަން މީހުން ތިބިއިރު ޖުމްލަ ވޯޓުގެ އަދަދު މިލިޔަނަކަށް ވެސް ނާރާކަމަށް ޚަބަރުތައް ބުނެއެވެ.

މިސްރުގެ ސަރުކާރުން ވެސް ވަނީ ވޯޓުލުމުގައި މީހުން ބައިވެރިނުވާކަން ވަރަށް ބޮޑަށްފާހަގަކޮށްފަ އެވެ. މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާޢީލް ވަނީ ވޯޓުލުމުގައި ބައިވެރިވީ އެންމެ 15 އިންސައްތައާއި 16 އިންސައްތަ އާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށް ލަފާކުރައްވައި މިކަމާމެދު ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. ޝަރީފް މިހެން ވިދާޅުވި ނަމަވެސް ފަސް އިންސައްތަ މީހުންވެސް ވޯޓުލުމުގައި ބައިވެރިނުވާކަމަށް އެތަށް ރިޕޯޓެއް ބުނެއެވެ. ދެ ދުވަހުގެ މުއްދަތަށް މިސްރުގައި ވޯޓުލުން ކުރިޔަށްދިޔައިރު މިސްރު ސަރުކާރުންވަނީ ވޯޓުލުމަށް ރައްޔިތުންނަށް ހިއްވަރު ދިނުމަށާއި ބާރުއެޅުމުގެގޮތުން ގިނަ ކަންތައްތަކެއް ކޮށްފައެވެ.

މީގެތެރޭގައި އެކަމުގެ ސަބަބުން ގައުމަށް ލިބޭނެ ފައިދާތަކާއި މަންފާތައް ސަރުކާރުގެ ރަސްމީ މީޑިޔާއިންނާއި ސަރުކާރަށް ވަގިވެރިވާ އަމިއްލަ ޓިވީ ޗެނެލްތަކުން ޕްރޮޕަގެންޑާ ކުރުމާއި ވޯޓު ލުމަށްޓަކައި ސަރުކާރާއި ދައުލަތުގެ މުވައްޒަފުންނަށް ބޮޑެތި ލުއިތައް ދިނުންހިމެނެއެވެ. އަދި ވޯޓުލިކަން ކަށަވަރުކޮށްދޭ ފަރާތްތަކަށް ސަރުކާރާ ގުޅުންހުރި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާތަކުން ހަދިޔާބެހިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ދެ ވަނަ މަރްހަލާގެ ވޯޓުލުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހުއެވެ. މިމަރްހަލާގައި 13 ގަވަނޭޓެއްގައި ވޯޓުލުމުގެ ކަންތައް ކުރިޔަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިސްރުގައި އަލަށް އިންތިޚާބުކުރާ ޕާލަމެންޓްގައި ހިމެނެނީ 568 ގޮނޑިއެވެ. މީގެތެރެއިން މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ 448 ގޮނޑިއަށެވެ. ބާކީ 120 ގޮނޑި އަށް މެންބަރުން އައްޔަން ކުރައްވާނީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އެވެ. މިއީ ޕާލަމެންޓްގައި ހިމެނޭ 568 ގޮނޑީގެ ތެރެއިން 5 އިންސައްތައެވެ. މިސްރުގައި ޕާލަމެންޓްރީ އިންތިޚާބު ބާއްވާފައި މިވަނީ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރުން އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލައި އަދި އޭގެތެރެއިން ގިނަބައެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްފަހު ގައެވެ.

އަދި ސީސީގެ ސަރުކާރުންވަނީ އޭނާގެ ސަރުކާރަށް ރައްޔިތުންކުރާ ތާއީދު މިއިންތިޚާބުން ފެނިގެންދާނެކަމަށްބުނެ އަޑު ފަތުރާފައެވެ. ނަމަވެސް މިއިންތިޚާބުގެ ސަބަބުން ސީސީގެ ވެރިކަމުގެ ނިޒާމު ދުނިޔޭގެ ކުރިމަތީގައި ޕްރޮމޯޓް ވުމުގެ ބަދަލުގައި ބޭޒާރުވެފައިވާ ކަމަށް މުރާސިލުން ސިފަކުރެއެވެ. މީގެއިތުރުން ސީސީގެ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުން މާޔޫސްވެ އެނިޒާމަށް ރައްޔިތުން އިތުބާރު ނުކުރާ މިންވަރުވެސް މިއިންތިޚާބުގެ ވޯޓުލުމުގެ ތެރޭގައި ފެނިގެން ހިނގައްޖެ ކަމަށް މިފަރާތްތަކުން ބުނެއެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އަކީ ދިމުގްރާތީ އުސޫލުން މިސްރުގެ ރައްޔިތުން އިންތިޚާބުކުރި ޑރ. މުހައްމަދު މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އިންގިލާބަށްފަހު ސީސީ ވެރިކަމަށް އައުމަށްޓަކައި ވޯޓުލުމެއް ބޭއްވިނަމަވެސް ސިޔާސީ ޕާޓީއެއްގެ އެއްވެސް ބާރެއްހުރި ކެންޑިޑޭޓަކު އޭނާއާ ވާދައެއް ނުކުރެއެވެ. އަދި ސީސީ ވެރިކަމަށް ވަޑައިގެންނެވި އިންތިޚާބު ބާއްވާފައިވެސްވަނީ ޑިމޮކްރަސީގެ ހަމަތަކުން މުޅިން ބޭރުގައި ކުލޭކުޅޭ ގޮތަކަށް ކަމަށްވަނީ ސިފަކުރެވިފައެވެ. އެހެން ކަމުން ވޯޓުލާން ނުނުކުތުމަކީ ސީސީގެ ސަރުކާރާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކުރުމުގެ ގޮތުން ރައްޔިތުން ދިން މެސެޖެއްކަމަށް ވަނީ ބެލެވިފައެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، ސީސީ ކާމިޔާބު ކުރެއްވީ 97 އިންސައްތައިގެ ވޯޓުން ކަމަށް މިސްރުގެ އިންތިޚާބުތަކާބެހޭ އެންމެ މަތީ ކޮމިޓީން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)