މާދަމާ ބޭއްވުމަށް ރާއްވަމުން އަންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތީޚާބާ ގުޅޭ ގޮތުން އޭޝިއަން ފުޓްބޯލް ކޮންފެޑްރޭޝަން (އޭއެފްސީ) އިން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާ ބައްދަލުކޮށްފި އެވެ.

މިއަދު ބޭއްވި އެ ބައްދުލުވުމުގައި އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގައި އެ އެސޯސިއޭޝަންގެ އިންތީޚާބީ މަގާމުތަކަށް ކުރިމަތި ލުމުގެ ހައްގު ހަނި ކުރެވިފައިވާކަން މިނިސްޓަރު ޒުހޫރު ފާހަގަ ކުރެއްވި ކަމަށް މިނިސްޓަރު މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގައި އެފްއޭއެމްގެ ރައީސް ފިޔަވައި އެހެން މަގަމުތަކަށް ނަން ހުށަހަޅާނީ އިންތީޚަބުގައި ރައީސްކަމަށް ވާދަކުރައްވާ ބޭފުޅަކު އޭނާގެ ޓީމުގެ ގޮތުގަ އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި އެފްއޭއެމްގެ އާ އަސާސީ ގަވާއިދު ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީ އިން ހުށަހަޅާފައި ނުވާ ކަމަށާއި އަދި އެ އެސޯސިއޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓްތައް ވެސް ހުށަހަޅާފައި ނުވާ ކަމަށް ހޯމް މިނިސްޓްރީ އިން ފާހަގަ ކޮށްފައިކާމަށް މިނިސްޓަރު އޭއެފްސީއާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވި ކަމަށް ވެސް މިނިސްޓަރު ޒުހޫރު ސަން އަށް މިރޭ ވިދާޅުވި އެވެ.

އޭގެ އިތުން "އެފްއޭއެމްގެ އިންތިޚާބު ބޭއްވުމުގެ ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު" ރާއްޖޭގެ ގާނޫނުތަކުގެ ދަށުން އެ އިންތިހާބު ކުރިއަށް ގެންދިއުމުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް އޭއެފްސީގެ ވަފުދަށް ދެންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އޭފްސީ އިން ތަކުރާރުކޮށް ބުނަނީ، އިންތިހާބު ފަސްކޮށްފި ނަމަ ރާއްޖެ އާ މެދު ފީފާ އިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚަބު މާދާމާ ބޭއްވުމަށް އެފްއޭއެމް އިން ވަނީ ތާވަލުކޮށްފަ އެވެ.

ނަމަވެސް ހޯމް މިނިސްޓްރީ އިން ވަނީ އެފްއޭއެމްގެ އިންތީޚަބު "ސައްހަ ނޫން" ކަމަށް ބުނެ އިންތީޚާބު ފަސް ކުރުމަށް އެދިފަ އެވެ.

ނަމަވެސް އެފްއޭއެމް ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލު ވިދާޅުވީ އެފްއޭއެމްގެ ޕޮލިސީއަކީ އެއެސޯސިއޭޝަންގެ އިންޓީޚާބު ފަސް ކުރުމަށް ފީފާ އިން ނުވަތަ އޭއެފްސީން ވަކި ގޮތެއް ނާންގާހާ ހިނދަކު ކުރިއަށް ގެންދާނެ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބު މާދަމާ ކުރުނބާ ވިލެޖުގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިރު ހޯމް މިނިސްޓްރީ އިން ވަނީ އެފްއޭއެމްގެ އިންތީޚާބު އެ ރިސޯޓްގައި ނުބޭވުމަށް އެރިސޮޓަށް އަންގައިފަ އެވެ.